ކުރާ ކޮންމެ ޢަމަލެއް ލިޔުއްވަވަތެވެ! ދުނިޔެއާ އާޚިރަތުގަ ތިމާއަށް ފައިދާކުރާނެ ޢަމަލެއް ނޫނީ ނުކުރާށެވެ!

ކިޔުމަށް ހޭދަވާނީ 6މ 37ސ
ކުރާ ކޮންމެ ޢަމަލެއް ލިޔުއްވަވަތެވެ! ދުނިޔެއާ އާޚިރަތުގަ ތިމާއަށް ފައިދާކުރާނެ ޢަމަލެއް ނޫނީ ނުކުރާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعالَى، قَالَ: ((إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ؛ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً.وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَة وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً(( 

މާނައީ: ޢަބްދު ﷲ ބުން ޢައްބާސް رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ،تبارك وتعالىގެ ޙަޟްރަތުން ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ. 

"ހަމަކަށަވަރުން އިންސާނާ ކުރާ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް، ﷲ ލިޔުއްވައެވެ. ދެން އެއަށްފަހު އެކަން ބަޔާން ކުރެއްވިއެވެ؛ ހެޔޮކަމެއް ކުރަން ޤަޞްދުކޮށް، ދެން އެކަން ނުކުރިމީހާ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ހެޔޮކަމެއް ކުރުމަށް ޤަޞްދުކޮށް، ދެން އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ދިހަހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައަށާއި އެއަށްވުރެ އެތައް ގުނައެއް އިތުރަށްވެސް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަން ނުކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ނުބައިކަމެއްގެ ގޮތުގައި އެކަން ލިޔުއްވައެވެ." 

އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ ހެޔޮ ޢަމަލު ކުރުމަށެވެ. އަދި އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލެއްގެ ޖަޒާ ޤިޔާމަތް ދުވަހުން އަޅުގަނޑުމެންނަށް ލިބެއެވެ. އެއީ ހެޔޮ ޢަމަލެއްވިޔަސް އަދި ނުބައި ޢަމަލެއްވިޔަސްމެއެވެ. އެހެންކަމުން ހެޔޮ ޢަމަލު ކުރުމުނ ްލިބޭ ފައިދާތައް ދުނިޔެއާއި އާޚިރަތުގައިވެސް ވަރަށް ގިނައެވެ. 

ދުނިޔޭގައި ލިބޭ ފައިދާތަކުގެ ތެރެއިން އެއް  ފައިދާ މިލިޔުމުގައި ބަޔާން ކޮށްލާނަމެވެ. އެގޮތުނ ްހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެއެވެ. 

ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)" 

އަދިވެސް ޒަލްޒަލާ ސޫރަތުގެ 7 އަދި 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾‏ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾‏

މާނައީ: "ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. (7) އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. (8)" 

އެހެންކަމުން އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު މިލިބޭ މަދު ދުވަސްކޮޅުގެ ބޭނުން ހިފާ ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ހެޔޮ ޢަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެމީހެއްގެ ގާތްތިމާގެ މީހުންނަށްވެސް ހެޔޮ ޢަމަލު ކުރުމަށް ހަނދާންކޮށްދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން، މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ކުރި މީހާގެ ޘަވާބުން އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތި ހަނދާންކޮށްދިން މީހާއަށްވެސް ޘަވާބު ދެއްވަވާނެއެވެ.

މިއަދު އޮންލައިން