ޢިބްރަތްތެރި ވާހަކަ: ގެއަށް ގެނެވުނު ދަރިފުޅު ފަޤީރަކަށްވީމާ ނިކަމެތިކޮށްލި މައިދައިތަ ބަލިޙާލުގަ ޖެހުމުން ބަލަން ޖެހި މަރުމަތިވެސް އެކަނިމާއެކަނި ބަލަހައްޓަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޢިބްރަތްތެރި ވާހަކަ: ގެއަށް ގެނެވުނު ދަރިފުޅު ފަޤީރަކަށްވީމާ ނިކަމެތިކޮށްލި މައިދައިތަ ބަލިޙާލުގަ ޖެހުމުން ބަލަން ޖެހި މަރުމަތިވެސް އެކަނިމާއެކަނި ބަލަހައްޓަންޖެހުނު އަންހެނެއްގެ ވާހަކަ-

ގެއަށް ގެނެވޭ ދަރިންނަކީ ތަނަވަސްކަން ނެތް އަންހެނަކުނަމަ ދެރަކޮށް ނިކަމެތިކުރުމާއި ހިތުގައި ޖެއްސުވުމަކީ ބައެއް ޢާއިލާތަކުން ކުރާ އެންމެ ނުބައި އެއްކަންތަކެވެ. މިއީ މުސްލިމުން އެއްވެސް މިންވަރަކަށް ކޮށްގެން ނުވާނެ ކަމެއް ނަމަވެސް އެކަމަށްވެސް ބައެއް ޢާއިލާތަކުން ނުވިސްނާކަން އެއީ ވަރަށް ދެރަކޮށް ކުރާ ކަމެކެވެ. 

މައިދައިތަ ބަލިޙާލުގައި ޖެހުމުން މިގޮތަށް ނިކަމެތިކުރެވޭ އަންހެނުނަށް ބަލަންޖެހުމަކީވެސް ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ބަލިޙާލުގައި ޖެހުމުން އަމިއްލަ ދަރިންގެ އަޅައިލުން ނުލިބުމަކީ ވަރަށް ގިނަ ފަހަރު މެދުވެރިވާ ކަމަކަށްވާތީއެވެ. ތިރީގައިވާ ވާހަކައަކީ މިފަދަ ޙާލަތެއް ކުރިމަތިވި އަންހެނެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑު ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. އަޅުގަނޑުގެ އިތުރުންވެސް 6 ދަރިން ތިބެއެވެ. އަޅުގަނޑަކީ 3 ވަނަ ދަރިފުޅެވެ. މައިންބަފައިން ފަޤީރުނަމަވެސް އަޅުގަނޑުމެން ގެންގުޅުނީ ވަރަށް ލޯބިންނެވެ. ތަރުބިއްޔަތުކުރީވެސް ވަރަށް ރަނގަޅަށެވެ. ހަމައެކަނި ކޮށްނުދެވުނު ކަމަކީ އެކަމަށް ޚަރަދުކުރާނެ ފައިސާ ނެތުމުން މަތީ ތައުލީމު ޙާޞިލްކޮށްދިނުމެވެ.

ޢުމުރުން 16 އަހަރުގައި މަސައްކަތްކުރަންފަށައިފީމެވެ. ދާއިމީ ވަޒީފާއެއް ލިބުނީ 18 އަހަރުފުރުމުންނެވެ. މަސައްކަތްކުރަމުން އައީ އަމިއްލަ އޮފީހެއްގެ މެސެންޖަރެއް ނުވަތަ ޕިޔޯނެއްގެ ގޮތުގައެވެ. އެއީ މަދުން ނޫނީ އަންހެނުން ކުރާ މަސައްކަތެއް ނޫންނަމަވެސް އެމަސައްކަތް އިޓުތިޔާރުކުރީ މުސާރައިގެ އިތުރުން ކުރާ މަސައްކަތަށް އަގުލިބޭތީއެވެ. އިދާރީ އާދައިގެ މުވައްޒިފުންނަށްވުރެ ގިނަ ފައިސާ ގެއަށް ގެންދަން ލިބޭތީއެވެ. 

އެހެން އުޅުމުގެ ތެރޭގައި ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. ހަމަވަރަށް ގިނަ ވައުދުތަކާއި އަހުދުތައްވެގެންނެވެ. ނަމަވެސް ދަރިއަކު ވިހައިގެން ގެއަށް އާދެވުނު ހިސާބުން އަޅުގަނޑުގެ ބޭނުން ކެނޑިއްޖެއެވެ. ދަރިފުޅަށް 3 ވަނަ މަހު ވަރިކޮށްފައި ފޮނުވާލައިފިއެވެ. ވީމާ އެނބުރި މައިންބަފައިންގެ ގާތަށް ދާންޖެހުނީ ދަރިފުޅުވެސް ގޮވައިގެންނެވެ.   

މަންމަ ވަނީ ކޮންމެ ކަމަކަށްވެސް ކެތްތެރިވާން ދަސްކޮށްދީފައެވެ. އަދި ކޮންމެވަގުތަކުވެސް ކިތަންމެ ބޮޑު ދެރައެއް ލިބިދާނެކަންވެސް ވަނީ ދަސްކޮށްދީފައެވެ. އަދި ކެތްތެރިވެ ނަމާދުން ވާގިއެދޭނަމަ އެމީހަކަށް ﷲ ހުރިހާ ކަމެއްވެސް ރަނގަޅު ގޮތުގައި މިންވަރުކުރައްވަވާނެކަންވެސް ވަނީ ދަސްކޮށްދީފައެވެ. ވީމާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ. މަހެއްހައިދުވަސްވީއިރު ހުރިހާ ކަންކަން ހަމައަކަށް އެޅިއްޖެއެވެ. 

ވަރިކުރިތާ 5 ވަނަ މަހު ބައްދަލުވި މީހަކު ކައިވެނިކުރަން އެދުމުން އަޅުގަނޑުގެ ޙާލަތު ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. ވަރަށް ފަޤީރުކަމަށްވެސް ބުނީމެވެ. ކުޑަކުޑަ ދަރިފުޅަކު އެބައޮތް ކަމަށްވެސް ބުނީމެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުންވެސް ރުހި ޤަބޫލުވެގެން ކައިވެނިކުރިއެވެ. 

ކައިވެނިކޮށްގެން ގެންދިއައީ ވަރަށް ތަނަވަސް ރީތި ގެއަކަށެވެ. އެގޭގައި އުޅެނީ އޭނާގެ މަންމަ އާއި 2 އުޚުތުންނެވެ. އެއިން އެއްވެސް މީހަކު އަޅުގަނޑު ބަލައެއް ނުގަތެވެ. ފަޤީރުވެފައި ދަރިއަކު އޮތުމުންނެވެ. ގޭތެރެއިން ކޮންމެ އަންހެނަކާއި ބައްދަލުވިނަމަވެސް ފަޤީރުވެފައި ދަރިއަކު އޮތުމުން ފުރައްސާރަ ނުކުރާ ފަހަރަކު ބައްދަލެއް ނުވެއެވެ. އަޅުގަނޑަކީ ފިރިމީހާގެ ތަނަވަސްކަމަށް ލޯބިވީ މީހެއްކަމަށްވެސް ބުނާނެއެވެ. 

އަޅުގަނޑު ފުރަތަމަވެސް ކިޔައިދިނީމެވެ. އަޅުގަނޑަކީ ފަޤީރެއް ކަމާއި ކައިވެނިކުރީ ފިރިމީހާއަކީ ތަނަވަސް މީހެއްކަން އެނގިގެން ނޫންކަންވެސް ބުނީމެވެ. ނަމަވެސް އެކަން އެކަކުވެސް ޤަބޫލެއް ނުކުރެއެވެ. ހިތަށް އެރިހާއެއްޗެއް ގޮވުން ހުއްޓައެއް ނުލިއެވެ. 

އެއްދުވަހު މަންމަ އެއްޗެތި ގޮވަމުން ގޮސް އަޅުގަނޑުގެ ދަރިފުޅަކީ ބައްޕަ ކަށަވަރުނުވާ ދަރިއެއްކަމަށް ބުނުމުން ވަރަށް ދެރަވިއެވެ. އެދުވަހު ކެތްތެރިކަން ކޮޅުންލިއެވެ. ފިރިމީހާ ގެއަށް އައުމުން ދެން އިތުރަށް ކެތްނުކުރެވޭނެ ކަމަށްބުނެ ގެއަށް ފޮނުވައިދިނުމަށް އެދުނީމެވެ. 

ފިރިމީހާ އެކަން ޤަބޫލެއް ނުކުރިއެވެ. 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފާފައި އެތަނަށް އަޅުގަނޑު ބަދަލުކޮށްދިނީއެވެ. އޭނާގެ ދިރިއުޅުންވެސް އެތަނަށް ބަދަލުކުރިއެވެ. އެވަރުންވެސް އިރުއިރުކޮޅުން ފޯނުކުރެއެވެ. ފޯނުނަގައިފިނަމަ އެއްޗެތިގޮވައެވެ. ހަމަޖެހިގެން ދިރިއުޅުނަ ނުދޭނެކަމަށްވެސް ބުނެއެވެ. 

އެއްދުވަހު ފިރިމީހާ ގެއަށް އައިސް ބުނީ މަންމައަށް ސްޓްރޯކެއް ޖެހި ވާގި ނެތިއްޖެކަމަށެވެ. ހޮސްޕިޓަލުން ދޫކޮށްލާއިރަށް މަންމަ ބަލައިދޭން ގެއަށް ގޮސްދިނުމަށް އެދޭ ކަމަށެވެ. އަޅުގަނޑު އެއްބަސްވީމެވެ. ނަމަވެސް 2 ފަހަރިންގެ ނުބައި ބަސްތަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދައިދޭން އެދުނީމެވެ. 

މަންމަ ގެއަށް ގެނައުމުން 2 ދަރިންކުރެ އެއްވެސް ދަރިއަކު އެންމެ ކުޑަމިނުން މަންމަގެ ޙާލުވެސް ބަލައިނުލައެވެ. މަންމަގެ ހުރިހާ ބުރައެއް އުފުލަންޖެހުނީ އަޅުގަނޑަށެވެ. އެހެނަސް އެއްވެސް ޝަކުވާއެއް ނުކޮށް ކަންކަން ކޮށްދިނީމެވެ. އަމިއްލަ މަންމައަށް ޚިދުމަތްކުރާފަދައިން ޚިދުމަތްކޮށްދިނީމެވެ. 

މަންމައަށް ވާހަކަދެއްކޭވަރުވީ 2 އަހަރު އެކަނި ޚިދުމަތްކުރިފަހުންނެވެ. މަންމއަށް ފުރަތަމަކަމަކަށްވެސް އެދެވުނީ އަޅުގަނޑުގެ ކިބައިން މާފަށެވެ. އަޅުގަނޑު ވަގުތުން މާފުކުރީމެވެ. އަދި މަންމަ އާއިމެދު ހިތްބުރަކަމެއް ނެތްކަމަށް ބުނީމެވެ. އެއިގެފަހުން މަންމަ ބަދަލުވީ ހަމަ އަޅުގަނޑުގެ މަންމަ ފަދަ އަޅުގަނޑަށް ހެޔޮ މަންމައަކަށެވެ. އަދި ފިރިމީހާގެ ހެޔޮކަންވެސް އެތައް ގުނައަކަށް އިތުރުވިއެވެ. 

އެމަންމަ މަރުވިވަގުތު އެންމެ ފަހުނޭވާލީވެސް އަޅުގަނޑުގެ އުނގުގައި ބޯއަޅައިގެން އޮވެއެވެ. މަންމަ ބުނެގެން އާދޭސްކުރުމުން މަރުމަތިދެކެލަންވެސް ދަރިއަކު ނައެވެ. ޝަހާދަތްލައިދިނީވެސް އަޅުގަނޑެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިކިޔައިދިނީ ޢިބްރަތަކަށެވެ. ފަޤީރުވެފައި ނިކަމެތިވުމުން ހިތުގައި ޖައްސުވާ މައިންނަށް ފިލާވަޅަކަށެވެ. މިހިރީ ކަންކަން މެދުވެރިވާގޮތެވެ. ވިސްނާ މީހަކަށް ރަނގަޅު ފިލާވަޅަކަށްވާނެ ކަންކަމެވެ.

 

- ސާދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން