ބިރުވެތިވެބަލަ! މިސްކިތްތައް ގިނަވެފައި ރީތި ނަމަވެސް މިސްކިތްތައް މިހާރަށްވުރެ ގިނައިން ކަރުނައަޅާ ޒަމާނެއް އަދި ދުނިޔެ ދެކެފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބިރުވެތިވެބަލަ! މިސްކިތްތައް ގިނަވެފައި ރީތި ނަމަވެސް މިސްކިތްތައް މިހާރަށްވުރެ ގިނައިން ކަރުނައަޅާ ޒަމާނެއް އަދި ދުނިޔެ ދެކެފައެއް ނެތް!

މީސްތަކުންނޭވެ! މިސްކިތްތައް އެޅުމުގައި އެކަކު އަނެކަކަށް އަންނަނީ ވާދަކުރަމުންނެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެންމެ ބޮޑު މިސްކިތް އަޅާށެވެ! އަދި އެމިސްކިތް ޒީނަތްތެރިކޮށް އެމިސްކިތަކީ އެންމެ ރީތި މިސްކިތް ކަމަށްވެސް ހަދާށެވެ. އެހެންވެ މިހާރަށްވުރެ ރީތި، ބޮޑެތި މިސްކިތްތައް ގިނަ ޒަމާނެއް ދުނިޔެ ދެކެފައެއް ނުވެއެވެ.  

ނަމަވެސް އެ މިސްކިތްތައް އަޑުންއަޑުނަގައި ރޮނީއެވެ. ހިތްދަތިކަން ބޮޑުވެ އަބަދާއަބަދު ކަރުނަ އަޅަނީއެވެ. ކީއްވެގެން ހެއްޔެވެ؟ އެމިސްކިތްތަކުގައި ނަމާދުކުރާ މީހުންގެ ޢަދަދު މަދުކަމުންނެވެ. މިސްކިތްތަކުގައި މަޑުކޮށްލައި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރާ މީހުންގެ ޢަދަދު މަދުކަމުންނެވެ. މިސްކިތްތައް ފަޅުވެފައި ހުންނަންޖެހޭ ވަޤުތު ގިނަކަމުންނެވެ.

މިސްކިތް އެޅި މީހާ އެކުރީ ވަރަށް ހެޔޮ ކަމެކެވެ. އެހެނީ ﷲ ތަޢާލާއަށްޓަކައި މީހަކު މިސްކިތެއް އަޅައިފިނަމަ އެފަދަ ބިނާއެއް އެމީހަކަށް ސުވަރުގެއިން ދެއްވަވާތީއެވެ. އެކަމަކު އެބިނާ އެމީހަކަށް ލިބޭނީ ސުވަރުގެ ވަދެވިއްޖެނަމައެވެ. ސުވަރުގެ ވަދެވެން މިއޮތީ އެމީހާވެސް ނަމާށދުކޮށްގެންނެވެ. އެމީހާއަށްވެސް 27 ގުނަ އިތުރަށް ޘަވާބު ލިބެން އޮތީ އެމީހާވެސް މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރުމުންނެވެ.  

މިހެން މިބުނީ ސަބަބެއް އޮވެގެންނެވެ. މިސިޓީގައި ވަރަށް ރީތި މިސްކިތެއް މިހާރުވެސް އަޅާފައިވާ މީހަކު އެއަށްވުރެ ބޮޑު މިސްކިތެއް މިހާރުވެސް އެބަ އަޅައެވެ. އެއީ އަހުރެން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ. ޢުމުރުން މިހާރު 60 އަހަރަށްވުރެ މަތިވެދާނެއެވެ. އަދި ދުވަހަކުވެސް އޭނާއާއި އެއްވެސް މިސްކިތެއްގެ ޖަމާޢަތުން ބައްދަލެއް ނުވެއެވެ. ބޮޑު ޚަރަދުކޮށްފައި އޭނާ އެޅި މިސްކިތުންވެސް ބައްދަލެއް ނުވެއެވެ. މިއީ ހިތާމަހުރި ކަމެކެވެ! ފުރަތަމަ ކަމަކަށް އޮތީ ނަމާދުކުރުމެވެ.  

އަހުރެންނަށް އެނގޭ އެހެން މީހެއްގެ ޥާހަކަވެސް ބުނެލާނަމެވެ. އޭނާވެސް މިސްކިތެއް އެޅިއެވެ. މުސްކުޅިވެ ބަލިކަށިވުމުން ފުރޮޅުލީ ގޮނޑީގައިވެސް އޭނާ މިސްކިތުގެ ޖަމާޢަތަށް ދިއައެވެ. ޖަމާޢަތުގައި ނަމާދުކުރިއެވެ. މަރުވީވެސް ހަމަ އެގޮތަށް އުޅެނިކޮށެވެ. މިބުނެވުނީ އުފާކުރަންޖެހޭ ވާހަކައެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން