ތިމާ ދެކެ ރުޅި އަންނަ ބައަކު އަބަދުވެސް އުޅޭނެއެވެ. ތިމާ އާއި އެންމެ ގާތުގައި ތިބޭ މީހުންގެ ތެރޭގައިވެސް ތިމާއަށް ހެޔޮ ނޭދޭ ޙަސަދަވެރި ބައަކު ތިބޭނެއެވެ. އެމީހުން ތިބޭނީ ތިބާގެ ކުށަކަށް ބަލަބަލައެވެ. އެމީހުންނަށް ދޭ ސަމާލުކަމަށްވުރެ ބޮޑަށް ސަމާލުކަން ދޭންވީ ތިމާ ކިތަންމެ ސިއްރުން ކުރާ ކަމެއް ނަމަވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއަށެވެ.
ކިތަންމެ ގިނަ، ބާރުގަދަ ބައަކު ތިބާގެ ކިބައިން ކުށް ދައްކަން ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ކިތަންމެ ބޮޑަށް މަސައްކަތްކުރިނަމަވެސް ކުށް ދެއްކޭނީ ކުށެއް ކުރުމުންނެވެ. ކުށެއް ނުކުރާ ނަމަ އަޅުވަން ޖެހޭނީ ދޮގު އިލްޒާމެކެވެ. އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަން ކުރާ މީހުންނަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ!
މީހުންނާއެކު ކުރާ މުޢާމަލާތްތަކުގައިވެސް އަދާކުރާ ވަޒީފާގައިވެސް ތެދުވެރިވެ އިޚްލާޞްތެރިވާށެވެ! ތިމާގެ ކިބައިން ކުށެއް ދެއްކޭނެ އެއްވެސް ކަމެއް ނުކުރާށެވެ! މާނައަކީ ހުރިހާ ކަމެއްގައިވެސް ތިމާ ތެދުވެރިވާށެވެ! ސިއްރުކުރެވިދާނެ ކަމަށް ބަލައިގެންވެސް އެއްވެސް ކުށެއް ނުކުރާށެވެ! ވަޒީފާގައިނަމަވެސް، ޢާއިލީ ކަމެއްގައި ނަމަވެސް، ލޯބިވެރިޔާއަށް ނަމަވެސް އަދި ބައިވެރިޔާއަށް ނަމަވެސްމެއެވެ.
ދިރިއުޅެން ކުރާ މަސައްކަތުގައިވެސް ޢާއިލާގެ ކަންކަމުގައިވެސް އަދި އަމިއްލަ ޙަޔާތުގެ ކަންކަމުގައި ދެމަފިރިން ކުރާ ޢަމަލުތަކުގައިވެސް ތެދުވެރިވާށެވެ! އެކަކު އަނެކަކަށް ބޭވަފާތެރިނުވާށެވެ! ކޮންމެ ކަމެއް ކުރިނަމަވެސް ތިބާގެ ކިބައިން އެއްވެސް ކުށެއް ނުފެންނާނެ ގޮތަށް އަމަލުތައް ބަހައްޓާށެވެ!
ރޫޅޭ ކައިވެނިތަކަށްބަލާއިރު ގިނަ ޢަދަދެއްގެ ކައިވެނި ރޫޅޭ އެއް ސަބަބަކީ އެކުވެރިޔާ ތިމާގެ ސިއްރުތައް ބޭޒާރުކޮށްލުމެވެ. ބޭޒާރުކުރާނެ ސިއްރުތަކެއް އެހުންނަނީ ކުށްކުރެވޭތީ ނޫންހެއްޔެވެ؟ ކުށެއް ނުކުރާނަމަ ބޭޒާރުކުރަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
އެއިރުން ހަސަދަވެރިންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަދި ކީއްހެއްޔެވެ؟ އެކަން 7 އުޑުމަތިން ބައްލަވައި ވޮޑިގެންވާ ﷲ ތައާލާ ގެންދަވާނީ އެކަމަށް ޙައްޤު ޖަޒާ މިންވަރުކުރައްވަވަމުންނެވެ. ހެޔޮ ގޮތްތައް އިރާދަކުރައްވަވަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން