އެކަކު އަނެކަކަށް އެހީތެރިވެދިނުން- މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފަ-

ކިޔުމަށް ހޭދަވާނީ 6މ 18ސ
އެކަކު އަނެކަކަށް އެހީތެރިވެދިނުން- މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފަ-

ޢާއިޝަތު ރަފާޙް ޢަލީ

 

މީހުންނަށް އަނިޔާވެރިވުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. މުއުމިނުން އެކަކު އަނެކަކަށް އެހީތެރިވެދީ އުޅެއެވެ. އެކަކު އަނެކަކަށް ހެޔޮ ކަންކަމަށް އަމުރުކުރެއެވެ. ހެޔޮ ކަންކަމުގައި ބައިވެރިކުރެއެވެ. އަދި ހެޔޮއެދެއެވެ. 

ގިނަގިނައިން ނަމާދުކޮށް ޒަކާތް ދީ ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަމުރު ކުރައްވާފައިވާ ކަންކަން ކުރުމުގައި ވަގުތު ހޭދަކުރެއެވެ. އަދި ސުވަރުގެ ހޯދަން މަސައްކަތް ކުރެއެވެ. މީހުންގެ ޙައްޤަކަށް އަރައިގަނެވިދާނެ ކަމަށް ބިރުގަނެއެވެ. އަދި ﷲ ތަޢާލާ އަށް ދުޢާ ދެންނެވުމުގައި ވަގުތު ހޭދަކުރެއެވެ.  

ﷲ ތަޢާލާ ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ ﴿٧١﴾‏

މާނައީ:  "مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. (71)" 

ﷲ ތަޢާލާ ތައުބާ ސޫރަތުގެ 72 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَعَدَ اللَّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ وَرِضْوَانٌ مِّنَ اللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿٧٢﴾‏

މާނައީ: مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް، اللَّه وعد ކުރައްވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި اللَّه ގެ حضرة ން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ. (72)" 

އެހެންކަމުން އަޅުގަނޑުމެން މިސިފަތައް އަށަގަނެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. 

މުނާފިޤުންގެ ވާހަކަ:  

ﷲ ތަޢާލާ ތައުބާ ސޫރަތުގެ 67 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ ﴿٦٧﴾‏

މާނައީ: "منافق ފިރިހެނުންނާއި، منافق އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، اللَّه ހަނދުމަނެތި ކުރޫއެވެ. ދެން اللَّه އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، منافق ންނަކީ، ހަމަ فاسق ންނެވެ. (67)"

މިއަދު އޮންލައިން