އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކިންޑަރ ޕްރީސްކޫލްގެ ބެލެނިވެރިންނަށް ސްކްރީން ޓައިމްއާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ބާއްވައިފިއެވެ.
ސެޝަން ނަގައިދެއްވީ 20 އޮގަސްޓް 2024 ވީ އަންގާރަ ދުވަހުގެ ރޭ 20:30 ގައި، އެ ސްކޫލުގެ އެދުމުގެ މަތިން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް އަދި ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ތަސްލީމް އަބްދުލް ރަހީމްއެވެ.
މި ސެޝަނުގައި އަލިއަޅުވާލާފައިވަނީ ސްކްރީން ޓައިމް އިތުރުވުމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި، ސްކްރީން ޓައިމް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ސްކްރީން ޓައިމް ދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށެވެ.
ދިރާސާތަކުން ދައްކާގޮތުގައި ސްކްރީން ޓައިމް އިތުރުވުމަކީ ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމާއި ސިކުނޑި ތަރައްޤީވުމަށް އަސަރުކޮށް، ކަންކަމުގައި ކުދިން ވިސްނާ މިންވަރު މަދުވުންފަދަ މައްސަލަތަކާ ކުރިމަތިވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ކުދިންގެ ހެދިބޮޑުވުމާ ގުޅުންހުރި ތަފާތު މަޢުލޫމާތުތަކަށް ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެފައެވެ. މި ފަދަ ސެޝަންތަކަކީ އެ މަސައްކަތުގެ ބައެއްގެ ގޮތުގައި ބޭއްވޭ ހަރަކާތްތަކެކެވެ.