ހިބަރަކީ ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގައިވެސް އުޅޭ ބާވަތެކެވެ. މިގޮތުން ދުނިޔޭގެ ދެބައިހަމަ (އިކުއޭޓަރ) ސަރަޙައްދުގެ ހޫނު ކަނޑުތަކާއި، މެދުމިންވަރަކަށް ހޫނު (ސަބްޓްރޮޕިކަލް) އަދި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި ހިބަރުގެ ބާވަތްތައް އުޅެއެވެ (ރެސްޓްރެޕޯ އެޓް އަލް، 2016).
އަދި މި ބާވަތްތަކަކީ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ މަހެކެވެ (ޝިމޯސް އެޓް އަލް، 2010). ޖުމުލަ ގޮތެއްގައި ހިބަރު އާއިލާގެ ބާވަތްތަކަކީ ކަނޑުގެ ސަތުޙުން 200 މީޓަރު ފުނުގައި އުޅޭ މަހެއް ކަމުގައިވިއަސް، ވަކިވަކި ބާވަތްތައް އުޅޭ ސަރަޙައްދުތަކާއި ފުންމިން ތަފާތުވެއެވެ. ހިބަރުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖެއިން ފެންނަ ދެ އާއިލާ ކަމަށްވާ، ފަންގަނޑު ހިބަރާއި މަސްހިބަރު ހިމެނޭ އިސްޓިއޮފޮރިޑޭ (Istiophoridae) އަދި ތުންގަނޑު ހިބަރު ހިމެނޭ، ޒިފީޑިއޭ (Xiphiidea) އާއިލާގެ ބާވަތްތައް އެންމެ އާންމުކޮށް ފެންނަނީ ހޫނު ކަނޑުތަކުންނެވެ (ނަކަމޫރާ، 1985).
ހިބަރަކީ ކަނޑުގެ މާޙައުލުގެ ކާނާގެ ހަރުފަތްތަކުގެ (ފުޑް ޕިރަމިޑްގެ) އެންމެ މަތީގައިވާ (އޭޕެކްސް ޕްރިޑޭޓަރ)، އަދި އެސޮރުމެންގެ ކާނާގެ ގޮތުގައި ވަރަށް ގިނަ ބާވަތްތަކެއް ހިމެނޭ މަހެކެވެ (ކިޗެލް އެޓް އަލް.، 2006). ހިބަރު އާއިލާގެ ކާނާގެ ތެރޭގައި ކަޅުބިލަމަސް، ރީނދޫއުރަހަ ކަންނެލި، ލޯބޮޑު ކަންނެލި، ފިޔަލަ، ފުޅަނގި، ފަރުތޮޅި ފަދަ މަސްތައް ހިމެނެއެވެ (ނަކަމޫރާ 1985؛ ޕޮޓިއަރ އެޓް އަލް، 2007؛ އެލެޕަތާޖް އެޓް އަލް.، 2009). އަދި އައްސޭރިފަށާ ކައިރި ސަރަޙައްދުތަކުގައި ނަމަ، މުށިމަސް ފަދަ ބާވަތްތައް މިސޮރުމެން ކައިއުޅެއެވެ.
ހިބަރުގެ ބާވަތްތަކުގެ ކާނާ ދެނެގަތުމަށްޓަކައި، މަހުގެ ގޮހޮރު ބަލައިގެން ހެދުނު ދިރާސާތަކަކުން ދެއްކި ގޮތުގައި ބޯވަދިލަމަހުގެ ބާވަތްތަކަކީވެސް ކާނާގެ ގޮތުގައި ހިބަރަށް މުހިންމު ބާވަތްތަކެކެވެ (ޕޮޓިއަރ އެޓް އަލް.، 2007؛ ލޫރް އަންޑްރާޑެ އެޓް އަލް.، 2017). އެހެންނަމަވެސް، ކާނާގެ ތެރޭގައި ހިމެނޭ ވަކި ވަކި ބާވަތްތަކާއި، އެ ބާވަތްތައް ކާނާގެ ތެރޭގައި ހިމެނޭ މިންވަރު، ހިބަރު އާއިލާގެ އެކި ބާވަތްތަކުގެ މެދުގައި އަދި އެކި މޫސުމަށް ބިނާކޮށް ތަފާތުވެއެވެ (ލޫރް އަންޑްރާޑެ އެޓް އަލް.،2017).
ހަބަރު: ސަރުކާރު