ކޮވިޑްގެ ޙާލަތުގައި ދައުލަތުގެ ފައިސާއިން ގިނަ ފަރާތްތަކަކުން ވަރަށް ބޮޑެތި ވައްކަންތައް ކުރާކަމުގެ ތުހުމަތުތައް ގިނަ ފަރާތްތަކަކުން އެއިރުވެސް ކުރިއެވެ. މަކަރާއި ހީލަތުން އެކިގޮތްގޮތަށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާކަމުގެ ތުހުމަތުތައް ކުރިއެވެ.
އެހެންކަމާއިއެކުވެސް އެކަށީގެންވާ މިންވަރާއި ގާތަކަށްވެސް އެއްވެސް ކަމެއް ބަލައި ފިޔަވަޅު އަޅާފައެއް ނުވެއެވެ. ކިރިޔާވެސް ފިޔަވަޅެއް އަޅާފައިވަނީ ބޮޑުބޭބެއަކަށް ވަޒީރުކަން ދޭންވެގެން ހެލްތް މިނިސްޓަރު އަމީނަށާއި އެމިނިސްޓްރީގެ މުވައްޒިފުންތަކަކަށެވެ. އެބޮޑު ވައްކަމުގެ ޖަރީމާގެ އަޑީގައި ތިބި ސިޔާސީ ބޮޑުންނަށް ފިޔަވަޅު އަޅާފައިނުވާކަން އެއިރުވެސް ނޫސްތަކުން ހާމަކުރިއެވެ.
މިކަންކަން ފާހަގަކޮށް ގިނަ ބައަކު މިހާރުގެ ސަރުކާރަށް ގޮވާލަމުން ގެންދަނީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފައިވާ ހުރިހާ މައްސަލަތަކެއް ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށެވެ. އެމައްސަލަތައް ބަލައި ތަޙްޤީޤްކޮށް ސަރުކާރަށް ލިބެންޖެހޭ ފައިސާތައް ހޯދަން މަސައްކަތްކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ.
ގިނަބައަކު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ފައިސާއިން އެހައި ބޮޑެތި ވައްކަންތައް ކުރަން ފުރުޞަތުދީ އަދި އެމައްސަލަތައް ފާހަގަކުރުމުން ސަރުކާރުން އަޅައިނުލީ އެކަންކަމުގައި ސަރުކާރުގެ އެންމެ އިސްވެރިންގެ ދައުރެއްވެސް އޮތުމުންނެވެ. ވީމާ މިކަންކަމަކީ ބަލައި ފިޔަވަޅުއަޅަންޖެހޭނެ ކަންކަމެވެ.