މާލީ ވުޒާރާއިން އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ނިޒާމެއް ތަޢާރަފުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާލީ ވުޒާރާއިން އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ނިޒާމެއް ތަޢާރަފުކުރަނީ

މާލީ ވުޒާރާއިން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށްޓަކައި އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމެއް ތަޢާރަފުކުރަން ނިންމައިފިއެވެ. މި ނިޒާމަކީ ޓްރެޑިޝަނަލް ޕްރޮކިއުމަންޓް މެތަޑްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮސެސްއެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހު، ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއްގެ ގޮތުގައި މާލީ ވުޒާރާއިން އިޚްތިޔާރުކޮށްފައިވަނީ އެސް.އޭ.ޕީ އަރީބާއެވެ. މި ނިޒާމް ގާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޕްރޮކިއުމަންޓް ހަރަކާތްތައް ދެފުށް ފެންނަ، ހަރުދަނާ އަދި ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މާލީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި އައު ނިޒާމުގެ ސަބަބުން ޕްރޮކިއުމަންޓް ޕްރޮސެސްތައް އޮޓޮމޭޓްކޮށް، ސްޓްރީމްލައިންކޮށްގެން، މިހާރު ހިނގާ އިދާރީ ޚަރަދުތައް ކުޑަކުރެވި، ޕްރޮސެސިންގ ވަގުތުތައް ކުރުވެ، ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ޕްރޮކިއުމަންޓް ޕްރޮސެސްތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާލީ ވުޒާރާއިން ސިފަކުރައްވައެވެ.

މި އައު ނިޒާމް ތަޢާރަފުކުރުމާއެކު، ދައުލަތުގެ ޕްރޮކިއުމަންޓް މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން