ރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކެއް ބާއްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްވަރާތައް ބޭއްވިފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢޫދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި ވަޒީރު ޒަމީރު ވަނީ ސަޢޫދީ އަރަބިއްޔާގެ އިންވެސްޓްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަރ އިބްރާހިމް ބިން ޔޫސެފް އަލްމުބާރަކްއާއި ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ސަޢޫދީން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢޫދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ފޯ އިންޓަރނޭޝަނަލް ރިލޭޝަންސް ޚާލިދު ބަވާޒިއަރއާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާއި، އިންވެސްޓްމަންޓުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސަޢޫދީ އަރަބިއްޔާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރާވެސް ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ބާއްވަވާފައިވާކަން ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.