ފަތުރުވެރިކަން ކުރިއެރުވުމުގައި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވީ މިއަދު ފެށުނު ޓީޓީއެމް ފެއަރގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަމުންދަނީ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށެވެ. މި މަސައްކަތުގެ ދަށުން، ރާއްޖޭގައި ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެންދިޔުމަށް ޚާއްސަ ޕްލޭންތަކެއް ކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މިދަނީ ކެބިނެޓު ޕޭޕަރެއް ރާއްޖޭގެ ޓޫރިޒަމް ކުރިއަށް އޮތް 5 އަހަރަށް ނުވަތަ 15-20 އަހަރަށް، ރާއްޖޭގެ ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެންދާނެ ގޮތްތައް އަދި ކޮންމެ އަތޮޅެއްގައި ފަތުރުވެރިކަން ފުޅާކުރާނެ ގޮތް، އަދި އެއަރލައިންތަކުގެ ޑައިރެކްޓު ފްލައިޓުތައް ގެންދިޔުމާއި ގުޅޭގޮތުންވެސް މި ކަރުދާހުގައި ބަލާލާނެ،" ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ކުރިއަށްދާނީ މިމަހުގެ 21 އިން 22 އަށް މީރުމާގައެވެ. މި ފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރެވޭނެއެވެ.