"މަގޭ ސޯލާ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަރުޙަލާއަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެނެވޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރުގެ ނައިބު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ މަރުޙަލާގައި ހިމެނޭ 750 ގޭބިސީގައި ހަރުކުރަން ނިންމާފައިވާ ސޯލާއާއި އެކަމަށް ބޭނުންވާ ވަޞީލަތްތައް ހިމެނޭ ފުރަތަމަ ޝިޕްމަންޓް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވެއެވެ.
"މި މަޝްރޫޢުގެ ފުރަތަމަ 3 މެގަވޮޓްގައި ހިމެނޭ ސޯލާއާއި ސޯލާ ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ" ކަމަށް ޑރ. މުއާވިޔަތު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ލިބޭ ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 3 މެގަވޮޓްގެ ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވަނީ ފެނަކައިން ޚިދުމަތްދެމުންދާ ރަށްރަށުގައެވެ. އަދި މަޝްރޫޢުގެ ދެވަނަ މަރުޙަލާގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ އިތުރު 3 މެގަވޮޓްގެ ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 4 އިންސައްތައިން 33 އިންސައްތައަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.