މާލޭ ސަރަހައްދުގެ އާބާދީއާ އެކަށީގެންވާ އަދަދަށް ހޮސްޕިޓަލް އެނދު އިތުރުކުރެވިފައި ނުވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
އްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް މައުލޫމާތުދެއްވަމުން އަބްދުލް ރައްޒާޤު ވިދާޅުވި ގޮތުގައި 1995 ވަނަ އަހަރުން ފެށިގެން މާލޭ ސަރަހައްދުގެ އާބާދީއަށް ބޮޑު ބަދަލެއް އައި ނަމަވެސް، އެ އާބާދީއާ އެކަށީގެންވާ އަދަދަށް ހޮސްޕިޓަލް އެނދު އިތުރުކުރެވިފައި ނުވެއެވެ. އެގޮތުން 1995 ވަނަ އަހަރު އައިޖީއެމްއެޗްގައި 186 އެނދު ހުރިއިރު، މިއަހަރުގެ މިހާތަނަށް އައިއިރު މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގާއިމުވެފައިވަނީ އެންމެ 316 އެނދު ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިމަރޖެންސީ އާއި އައިސީޔޫގައި ބޭނުންކުރާ އެނދުގެ އިތުރަށް ބަލި މީހުން ބައިތިއްބަން ބޭނުންކުރާ އެނދުތަކެވެ.
އެނދުގެ ދަތިކަން ހުރުމުގެ ސަބަބުން އިމަރޖެންސީ ރޫމުގައިވެސް ބަލި މީހުން އެދުމަތިކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށް އަބްދުލް ރައްޒާޤު ވިދާޅުވިއެވެ.
"ހޮސްޕިޓަލް ތަރައްގީވެ، ހޮސްޕިޓަލުގެ ޑޮކްޓަރުން ތަރައްގީވެ މުވައްޒަފުން އިތުރަށް ހޯދާ، ސްޕެޝަލައިޒްޑް ޚިދުމަތްތައް ތައާރަފުކޮށްގެންދާއިރު އެކަށީގެންވާވަރަށް އެނދު ނުލިބުމުން ގޮންޖެހުން ދިމާވޭ. އެޕޮއިންޓްމަންޓް ލިބުމުގައި ދަތިތައް ދިމާވާ ވާހަކަ އަޑުއަހާނެ ތިބޭފުޅުން. އެކަން އަވަސްކުރަން މަސައްކަތް ކުރިނަމަވެސް އެނދު ނެތުމުން ގޮންޖެހުންތައް ދިމާވާނެ،" އަބްދުލް ރައްޒާޤު ވިދާޅުވިއެވެ.
މި ކަންކަމުގެ ސަބަބުން ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.