އެއީ ޔުނިވާސިޓިގެ ފަހު އަހަރެވެ. މިސްކިތުގެ އިމާމަކީ އަހުރެންނެވެ. އެހެންވެ އެހެންކުދިން ފަދައިން ލޯބިވެރިން ހޯދަން އުޅުމުގެ ފުރުޞަތު އަހުރެންނަށް ވަރަށް ކުޑައެވެ. އެކަމަކުވެސް ވަރަށް ގަޔާވާ އަންހެން ކުއްޖަކު ފެނުމުން އޭނާ ހޯދަން މަސައްކަތްކުރީމެވެ.
އެގޮތުން ސީދާ ނުބުނެ އޭނާ އާއި ވާހަކަދައްކަން ވަރަށް ގިނަ މަސައްކަތްކުރީމެވެ. ކޮންމެފަހަރަކުވެސް ލިބެނީ ހިނިތުންވުމެކެވެ. އަނގައަކުން ނުބުނެއެވެ. އެހެން އުޅެމުން ދަނިކޮށް ޔުނިވާސިޓީން ނިމި އެކުއްޖެއްގެ ރަށަށް ދާން ޖެހިއްޖެއެވެ. އަހުރެން ކުރި ބުރަ މަސައްކަތުން އަހުރެންނަށް ލިބުނީ ހަމައެކަނި އޭނާގެ އެޑްރެހެވެ. ދެމީހުންގެ ސިޓީގެ ދުރުމިނުގައި އެތައް ސަތޭކަ ކިލޯމީޓަރު ހުރެއެވެ. އެހެންވެ ދެން ބައްދަލުވެވޭނެ ކަމުގެ އުންމީދު ގެއްލިގެން ދިއައެވެ.
ގެއަށްގޮސް އުޅެން ފެށުމުންވެސް އޭނާގެ ހަނދާންތަކާއި ދުރެއް ނުވެވުނެވެ. އެންމެފަހުން ކޮންމެ ރެއަކު ޢިޝާނަމާދަށްފަހު 2 ރަކްޢަތް، މެންދަމު ހޭލައި 4 ރަކްޢަތް އަދި ފަތިސްނަމާދުގެ ކުރިން 2 ރަކްއަތްކުރަން ފެށީމެވެ. ކޮންމެ ފަަހަރަކުވެސް ކުރަނީ ވަރަށް ކުރުކުރު ދުޢާއެކެވެ. "ޔާ ﷲ! އިނބަ ﷲ މޫސާގެފާނަށް އަންތބަކު ދެއްވެވި ފަދައިން މިއަޅާގެ ހިތަށް ފިނިކަން ދެއްވަވާނދޭވެ!" މިފަދައިންނެވެ. އިތުރު ވާހަކަތައް ނުދެންނެވީ އަހުރެންގެ ހިތުގައިވާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވާނެތީއެވެ!
މިގޮތަށް ކަންތައްކުރަންފެށިތާ 7 ވަނަ ދުވަހަކު ޔުނީގެ އެކުވެރިއަކު ގުޅާފައި ބުނީ ކަލޭ ނުލިބިގެން އުޅުނު ލޯބިވެރިޔާއާއި މިހާރު ބައްދަލުކުރުމަށެވެ. ކަންކަން ބަދަލުވެއްޖެކަމަށެވެ.
ކޮންމެއަކަސް ކޮންމެ ގޮތެއް މެދުވެރިވިނަމަވެސް ހެޔޮކަމަށް ވަކީލްކޮށްގެން އަނެއް ދުވަހު ޜޭލްގައި ދަތުރުފެށީމެވެ. އެޑްރެހަށް ގޮސް ބައްދަލުކުރީމެވެ. ޢާއިލާއިން އަހުރެންނަށް މަރުޙަބާކިޔެވެ. ދެފަރާތުގެ މެދުގައި ވާހަކަ ދެކެވި 2 މަސްދުވަސްތެރޭގައި ކައިވެނިކުރެވުނެވެ. އަހުރެމެން އުފަލުގައި ދިރިއުޅެމުން މިއަންނަނީ އެކައިވެނިމަތީގައެވެ.
އަހުރެން މިކިޔައިދިނީ އަހުރެންގެ ތަޖުރިބާއެވެ. ލޯބިވެރިޔާ ހޯދަން އަހުރެން ކުރި މަސައްކަތާއި އަހުރެން ކުރި ދުޢާއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ!
--މިއީ ދީނަށް ދަޢުވަތު ދެއްވަމުން ގެންދަވާ ޢިލްމްވެރިއަކު ވިދާޅުވެފައިވާ ވާހަކަކޮޅެކެވެ. އެހެންކަމުން މިއީ ތެދެއްކަމަށް މިއަދުނޫހުން ޤަބޫލުކުރަމެވެ. ޙާޞިލުކުރަން އޮތް ޢިބްރަތަކީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ހަޑިމުޑުދާރު ކަންކަން ނުކޮށް ރޭއަޅުކަންކޮށް ދުޢާކުރުމުން އެކަމަކީ އެމީހަކަށް ފައިދާހުރިކަމެއްނަމަ އެކަމެއް ހިންމަވައި ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ