ކޯމާގަ އޮތް މީހެއްގެ ހިތުގަ ޖެހޭ ފަދަ ބަހެއް ނަމަނަމަ ނުބުނާތި! އަޑުއިވި ސިކުނޑި ޙަރަކާތްކުރާކަން ޘާބިތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޯމާގަ އޮތް މީހެއްގެ ހިތުގަ ޖެހޭ ފަދަ ބަހެއް ނަމަނަމަ ނުބުނާތި! އަޑުއިވި ސިކުނޑި ޙަރަކާތްކުރާކަން ޘާބިތުވެއްޖެ!

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ކޯމާގައި މީހަކު އޮތްނަމަ އެމީހަކަށް އަޑު ނުއިވޭނެކަމަށެވެ. ސިކުނޑި މަސައްކަތް ނުކުރާނެ ކަމަށެވެ. އެހެންވެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. 

އެމެރިކާއާއި އިނގިރޭސިވިލާތުގެ ޓީމުތަކަކުން ގުޅިގެން ހެދި ޓެސްޓްތަކަކުން އެނގިފައިވަނީ ކޯމާގައި އޮންނަ މީހެއްގެ ގާތުގައި ކުރަން ބުނާ ކަންކަން ކުރަން އޭނާގެ ސިކުނޑި ޙަރަކާތްކުރާކަމެވެ. މާނައަކީ އެކަމެއް ކުރަން އޭނާ މަސައްކަތްކުރެއެވެ. ނަމަވެސް ކޯމާގެ ޙާލަތުގައި އޮންނާތީ އަތްފަޔާއި ގުނަވަންތައް މަސައްކަތްނުކުރަނީއެވެ. 

މިދިރާސާއަކީ ޙަޤީޤަތެއްކަން މިއަދުނޫހަށް ވަނީ ޘާބިތުކުރެވިފައެވެ. ފުރަތަމަ ކަމަކީ ކޯމާގައި އޮތް މީހަކަށް ގޮވާލަން އޭނާގެ ދަރިފުޅަށް ކިޔާ ނަން ކިޔާ މީހުން ދިއުމުން އޭނާގެ ނަމުން ގޮވާލުމުން ކޯމާގައި އޮތް މީހާގެ ލޮލުން ކަރުނަ އޮހޮރޭކަން އެނގިފައިވާތީއެވެ. (އެކަން އެގޮތަށް މެދުވެރިވީ އޭނާގެ ދަރިފުޅު އޭނާ ދެކެން ދިއުމަށް އުންމީދުކޮށްގެން އޮވެވުނީމައެވެ.) 

ދެވަނަ ކަމަކީ އޭނާއަށް އަޑު އިވޭނެކަން ނުވިސްނޭތީ، އޭނާގެ ޙާލު ބޮޑުވެ އެންމެ ސީރިއަސްވަމުން އައި ވަޤުތު "ދެން އޭނާ މާގިނަ ވަޤުތަކު ދުނިޔޭގައި ނޯންނާނެ" ކަމަށް ބުނެވުމާއިއެކު އޭނާގެ ދެލޯ ކަރުނައިން ފުރިގެންގޮސްފައިވާތީއެވެ. 

މީގެ އިތުރުން ކޯމާއިން ހޭލެވޭ މީހުން، އެމީހުން ކޯމާގެ ޙާލަތުގައި އޮތްއިރު އޭނާއަށް އަޑުއިވޭ ހިސާބުގައި ދެކެވޭ ވާހަކަތައް އަޑުއިވުނުކަމަށް ބުނެފައިވާ ޙާދިސާތައްވެސް އެބަހުއްޓެވެ. އަދި އެވާހަކަތައް ކިޔައިދީފައިވެސް އެބަހުއްޓެވެ. 

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ ކޯމާގައި އޮންނަ މީހުންނަށް އަޑުއިވޭކަމެވެ. ވީމާ ކޯމާގައި އޮތް މީހެއްގެ ހިތުގައި ޖެހޭ ފަދަ ބަހެއް އޭނާގެ ގާތުގައި (އޭނާއަށް އަޑުއިވޭ ހިސާބުގައި) ނުބުނާށެވެ! އޭނާއަށް އަސަރުކުރާނެއެވެ. ދެރަވާނެއެވެ. އަދި އޭނާ އުފާވާނެ ފަދަ ވާހަކަތައް ދައްކައި އޭނާ އުފާކޮށްދޭން މަސައްކަތްކުރާށެވެ! އެކަމުން އޭނާއަށް އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން