މިހާ ގިނައިން ކިޔައިދޭއިރުވެސް އަހުރެމެންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެއް އެބައޮވެއެވެ. އެއީ ތިމާއަށް ފާފަތަކެއް ކުރެވިފައިވީނަމަ ވަންނަން ޖެހޭނީ ނަރަކައަށް ކަމަށް ޤަބޫލުކުރެވޭ ކުރެވުމެވެ.
މިރޭ މިތަނުގައި ހުރެގެންވެސް ގޮންޖަހައި މިބުނަނީއެވެ. އެއްވެސް ފާފައަކަށް އެއްވެސް މީހަކު ނަރަކައަކަށް ނުވެއްދޭނެއެވެ. އެއީ އެއްވެސް ފާފައަކަށް ލިބިގެންވާ ބާރެއް ނޫނެވެ. އެންމެ ބޮޑެތި ފަރުބަދަތައްހައި ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސްމެއެވެ.
ޔަޤީންކުރާށެވެ! މިރޭވެސް ތަކުރާރުމިކުރަނީއެވެ. ނަރަކަ އުފައްދަވާފައިވަނީ ފާފަކުރި މީހުންނަކަށް ނޫނެވެ. ފާފަކުރެވުމުން ތައުބާނުވި މީހުންނަށެވެ. ތައުބާނުވެ ބޮޑާކަންމަތީގައި ތިބި މީހުންނަށެވެ. އަދި ސުވަރުގެ އުފައްދަވާފައިވަނީ އެއްވެސް ފާފައެއް ނުކުރާ މީހުންނަކަށް ނޫނެވެ. ފާފަކުރެވުމުން ތިމާގެ ނިކަމެތިކަން ޤަބޫލުކޮށް ބިރުވެތިވެ ތައުބާވީ މީހުންނަށެވެ.
މިހާ ގިނައިން މިވާހަކަ މިދައްކަނީ ފާފަކުރެވުމުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމަށް ހިތްވަރުދިނުމަށެވެ. ތައުބާނުވެ ހުރެ ސުވަރުގެ ވަދެވެން އޮތް ފުރުޞަތު ނަގާނުލަން ހިތްވަރުދިނުމަށެވެ.
މިތަނުގައި ހުރެ އަޑަށް ލެވުނުހައި ބާރެއްލައި މިވާހަކަތައް މިދައްކަނީ އަހުރެންގެ މޮޅުކަން ބަޔާންކުރާކަށް ނޫނެވެ. އަހުރެން މިބަޔާންކުރަނީ އަހުރެންގެ އަމިއްލަ ވާހަކަތަކެއް ނޫނެވެ. ކީރިތި ޤުރްއާނުން އެނގި ޔަޤީންކުރެވެން ހުރި ކަންކަމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން ޔަޤީންކުރެވެން ހުރި ކަންކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން