ކީރިތި ޤުރްއާނނުގެ އެޕް އަޅާފައިވާ ފޯނު ތަޅުންމަތީ ބާއްވާފަ ނަމާދަށް ކޮޅަށް ހުރުމާއިމެދު ކުރެވޭ ސުވާލުތަކުގެ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކީރިތި ޤުރްއާނނުގެ އެޕް އަޅާފައިވާ ފޯނު ތަޅުންމަތީ ބާއްވާފަ ނަމާދަށް ކޮޅަށް ހުރުމާއިމެދު ކުރެވޭ ސުވާލުތަކުގެ ޖަވާބު-

"ކީރިތި ޤުރްއާން އަޅާފައިވާ ފޯނު ތަޅުންމަތީ ބާއްވާފަ ނަމާދަށް ކޮޅަށް ތެދުވުމާއިމެދު ބައެއް ކިޔުންތެރިން ކުރައްވާ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ކީރިތި ޤުރްއާން ހިމެނޭ ސޮފްޓްވެއާއެއް ފޯނު ފަދަ ވަސީލަތަކަށް އެޅުމަކުން މުޞްހަފްގެ ދަރަޖައެއް ނުދެވޭނެއެވެ!

މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު އެމީހުންގެ ފޯނު ފަދަ ވަސީލަތްތަކުން ކީރިތި ޤުރްއާން ކިޔެވުމަށްޓަކައި ކީރިތި ޤުރްއާނުގެ ޕްރޮގްރާމްތައް، ސޮފްޓްވެއާތައް އަޅައިގެން ގެންގުޅެއެވެ. އެހެންކަމުން އެ ހިސާބުން ފޯނުގެ ދަރަޖަ އާއި ބެހޭ ގޮތުން ބައެއް މީހުން ސުވާލު އުފައްދައެވެ.

މިގޮތުން އުފައްދާ ސުވާލުތަކުގެ ތެރޭގައި އެފަދަ ފޯނެއް ހިފައިގެން ފާޚާނާއަށް ވަދެވޭނެތޯ ނޫންނަމަ މިސްކިތުގައި ނަމާދުކުރަންވުމުން ތަޅުންމަތީގައި ފޯނު ބޭއްވޭނެތޯ ފަދަ ސުވާލުތައްވެސް ކުރެއެވެ.

މިކަމުގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ބަސްފުޅެއް ފާހަގަކޮށްލާނަމެވެ. "ފޮތެއްގައި ވުޟޫކޮށްގެން އަތްލުމަށް މިނެއް ކަނޑައަޅާނަމަ ބަލަންވީ އެފޮތެއްގައި ލިޔެވިފައިވާ އެއްޗަކަށެވެ. އެފޮތެއްގެ ދެބައިކުޅަ އެއްބައަށްވުރެ ގިނައިން ކީރިތި ޤުރްއާނުގެ އާޔަތްތައް ޢަރަބި އަކުރުން ލިޔެވިފައިވާނަމަ އުފުލަންވާނީ ވުޟޫކޮށްގެންނެވެ.

މިދެންނެވީ ފޯނުގެ ވާހަކައެއް ނޫނެވެ. ފޮތުގެ ވާހަކައެވެ.

މި ބަސްފުޅަށް ބަލައިފިނަމަ ވެސް ކީރިތި ޤުރްއާނުގެ ސޮފްޓްވެއާއަކީ ފޯނުގައި ހުންނަ އެޕްލިކޭޝަން ތަކުގެ ވަރަށް ކުޑަކުޑަ މިންވަރެވެ. އަދި ފޯނުގައި އެޕްލިކޭޝަން ހުރި ނަމަވެސް އެއިން ޤުރްއާން ކިޔެވޭނީ، ޤުރްއާނުގެ އާޔަތް ލިޔެވި ފެންނާނީ އެޕްލިކޭޝަން ހުޅުވައިފިނަމައެވެ. ނުހުޅުވާނަމަ އެއީ ހަމަ އާދައިގެ ސޮފްޓްވެއާއެކެވެ.

އިމާމް މުފްތީ މެންކް ވިދާޅުވެފައި ވެއެވެ. "ފޯނުން ޤުރްއާން ކިޔަވަން އިނދެފައި ފާޚާނާއަށް ފާޚާނާއަށް ވަންނަ ނަމަ ސޮފްޓްވެއާ އިން ބޭރުވެ ފޯނުގެ ސްކްރީނުން ޤްރުއާން ނުފެންނަގޮތް ހަދައި ޖީބަށް ލައިގެން ވަންނާށެވެ! ޙާފިޡުންގެ ހިތުގައި ކީރިތި ޤުރްއާން އެކުގައި އޮވެއެވެ. ނަމަވެސް އެމީހުން ފާޚާނާއަށް ވަންނަނީ ހިތް ނަގައި ދުރުގައި ބާއްވާފައެއް ނޫނެވެ."

ކީރިތި ޤުރްއާނުގެ ސޮފްޓްވެއާ ހުރި ފޯން ތަޅުންމަތީގައި ބޭއްވުމާއި ބެހޭ ގޮތުން ގިނަ ޢިލްމުވެރިން ވިދާޅުވަނީ ތަޅުން މަތީގައި ފޯން ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. "ފުރަތަމަ ކަމަކީ ފޯނު ނުބާއްވަންވީ ފޯނަށް މުޞަހަފެއްގެ ދަރަޖަ ދީގެން ކަމަށްވާނަމަ އެފޯނުގަ އަތްލައި އުފުލައި ހަދަން ޖެހޭނީ ވުޟޫކޮށްގެން ކަމަށްވާތީއެވެ! ޙައިޟު، ނިފާސްކަމުގެ ދުވަސްވަރުގަ އާއި ޖުނުބުވެރި ޙާލަތުގައި ފޯނުގައި އަތްލެވިގެން ނުވާނެތީއެވެ!"

މިމޭރުމުން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ފަދަ މަޝްހޫރު ދީނީ ޢިލްމްވެރިން ހިމެނިވަޑައިގަންނަވައެވެ. މިހައިތަނަށް ބައްދަލުވެ މަޝްވަރާ ކުރެވުނު އެއްވެސް ޢިލްމުވެރިއަކު މިނޫން ގޮތަކަށް ވިދާޅުވެފައެއް ނެތެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ހައިޟު ނިފާސްކަމުގެ ދުވަސްވަރުގައިވެސް އެކަނބަލުންނަށް ފޯނު، ޓެބް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކީރިތި ޤުރްއާން ކިޔެވޭނެ ކަމަށެވެ.

 

މިއަދު އޮންލައިން