ނަރަކައިގެ ޙަޤީޤަތްތަކުގެ ތެރެއިން: ނަރަކައަކީ ބިރުވެރި، ގަދަފަދަ ޢަޛާބުތަކުން ފުރިގެންވާ އަލިފާންގަނޑެއް ނަމަވެސް އެއީ އިންތިހާއަށް ރުޅިގަދަވާ މަޚްލޫޤެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ނަރަކައިގެ ޙަޤީޤަތްތަކުގެ ތެރެއިން: ނަރަކައަކީ ބިރުވެރި، ގަދަފަދަ ޢަޛާބުތަކުން ފުރިގެންވާ އަލިފާންގަނޑެއް ނަމަވެސް އެއީ އިންތިހާއަށް ރުޅިގަދަވާ މަޚްލޫޤެކެވެ!

ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަން އެއީ އެއްވެސް މީހަކަށް އިޙްޞާޞްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ޢަޛާބުގެ ގަދަފަދަކަމުން ނަރަކައިގައި ތިބޭ މީހުން އެތަނުގެ ޢަޛާބަށް ކެތް ނުކުރެވިގެން މަލާއިކަތުންނަށް ދަންނަވައި ރޮއި އާދޭސްކުރުމުން ދެއްވަވާ ޖަވާބު އެނގޭ ހެއްޔެވެ؟ މަލާއިކަތުން ވިދާޅުވާނީ ﷲ އަށް ނުކިޔަމަންތެރިވެ އެމީހުން އަޅުކަންކޮށް އުޅުނު ފަރާތްތަކަށް ނުވަތަ ތަކެއްޗަށް ދުޢާކުރުމަށެވެ!

މަލާއިކަތުންގެ މިބަސްފުޅުގެ މާނައިގައިވަނީ ހަމައެކަނި އަޅުކަންކުރަން ގެންގުޅުނު ތަކެއްޗެއްވެސް ނޫނެވެ. ދުނިޔޭގައި ތިބާ އެމީހުންނާއިއެކު އުޅުނު، އެމީހުންގެ ބަސް ޤަބޫލުކުރި ނުބައި ނުލަފާ، ﷲ ތަޢާލާއަށް ބިރުވެތިނުވާ އިންސާނުންވެސް ހިމެނެއެވެ.

ނަރަކައިގެ ޙަޤީޤަތާ ނަރަކައިގެ ބިރުވެރިކަމާއިމެދު ވިސްނަނީ ވަރަށް މަދު މީހެކެވެ. ބައެއް މީހުން ނަރަކަ ޢާއިމެދު ދެކެނީ އެއީ ހަމައެކަނި އަލިފާންގަނޑެއްގެ ގޮތުގައެވެ. ދިރުމެއް ނުވާ އެއްޗެއްގެ ގޮތުގައެވެ. ނޫނެކެވެ! ނަރަކައަކީ ދިރުން ލިބިގެންވާ މަޚްލޫޤެކެވެ! ކޮންމެ މީހަކުވެސް ނަރަކައަށް ވަދެގެންދާނީ އެމީހަކީ އެތަނަށް ވަންނަން ޖެހޭ ފާފަވެރިއެއްކަމަށް އިޢްތިރާފްވާ ޙާލުގައެވެ!

އަލްމުލްކް ސޫރަތުގެ މި 3 އާޔަތުގައި އެވަނީ މިބުނި ބަހުގެ ވާހަކަތަކެވެ! އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (ކާފިރުންގެ) ފައުޖެއް އެ ނަރަކައަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ ސުވާލު ކުރައްވަވާނެތެވެ. އިންޒާރު ކުރައްވާ ރަސޫލަކު ތިއަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟

އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް އިންޒާރުކުރައްވާ ރަސޫލަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. ﷲ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަވަތެވެ. ތިއަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.

އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރު ކުރާކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއަަކު ތިމަންމެން ނުވީހެވެ. (އަލްމުލްކް: 8،9،10)

ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެއާއިމެދަކު (އެކަމާއިމެދު) ޝައްކެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އީމާނެއް ނުވެތެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިއަބައިމީހުންގެ ގާތަށް، ތިއަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން ދުޢާ ކޮށްބަލާށެވެ. ކާފިރުންގެ ދުޢާ ފުރެދުމެއްގައިމެނުވީ ނުވެތެވެ. (ޣާފިރް: 49،50)

ހުރިހާ ހިތާމައަކީވެސް މިހުރިހާ ކަންކަން މާކުރިއާލައި އަނގަވާފައިވާއިރުވެސް ޝައިޠޯނާގެ ބަސްތަކަށް ހެއްލެވި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާނުކުރެވޭކަމެވެ! މީސްތަކުންގެ ވަސްވާސްތަކަށް ހެއްލެވޭ ކަމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން