ޢާއިޝަތު ރަފާޙް ޢަލީ
ކެތްތެރިވުމަކީ ﷲ ސުބްހާނަހޫ ވަތަޢާލާ ވަރަށް ލޯބިވޮޑިގަންނަވާ ސިފައެކެވެ. ފުރިހަމަ މާނައިގައި ކެތްތެރިވުމުގެ ތެރޭގައި ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުން ހިމެނިގެންވެއެވެ.
ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاللَّهُ يُحِبُّ الصَّابِرِينَ ﴿١٤٦﴾
މާނައީ: "ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (146)"
ﷲ ތަޢާލާ ވަނީ ހެޔޮ ވިސްނުން ދެއްވައި އެހެން ހުރިހާ މަޚުލޫގުންނަށްވުރެ މާތް ކުރައްވައި އިންސާނުންގެ ދަރަޖަ މަތިވެރި ކުރައްވާފައެވެ. އިންސާނާއަށް ސަލާމަތްތެރިކަންވެސް އޮތީ ކެތްތެރި ވެގެންނެވެ. އިންސާނުންނަށް ދުނިޔޭގައި އުޅޭއިރު ވަރަށް ގިނަ އިމްތިޙާންތަކާއި، ވަރަށް ގިނަ ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ.
އަޅުގަނޑުމެން ބަލަން ޖެހޭނީ ނަބިއްޔުން އަމަލު ކުރެއްވި ގޮތެވެ. އެބޭކަލުން ހިތާމައެއް ކުރިމަތިވެވަޑައިގަތުމުން ﷲ ތަޢާލާއަށް ދުޢާކުރައްވަވައި ޛިކުރުކުރުން އިތުރު ކުރައްވަވައެވެ. އެގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ހިތާމައެއް ކުރިމ،ަތިވެވަޑައިގަތުމުން ނަމާދު ކުރައްވައެވެ. ދުޢާ ކުރައްވަވައެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ﴿١٥٣﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (153)"
މީގެ އިތުރުން ޔޫނުސްގެފާނުގެފާނުގެ ވާހަކައިންވެސް އަޅުގަނޑުމެންނަށް އިބްރަތް ލިބިގެންދެއެވެ.
ޔޫނުސްގެފާނު ބޮޑުމަހުގެ ބަނޑުތެރޭގައި އޮންނަވައިގެން ދުޢާ ކުރެއްވެވިއެވެ. އެވާހަކަ ކީރިތި ޤުރްއާނުގެ އަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾
"އަދި ޛުއްނޫނި (އެބަހީ: ޔޫނުސުގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާ ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."
އަދިވެސް އެހެން މިސާލެއް ބަލާނަމަ ޔަޢްޤޫބް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ޢަލައިހިއްސަލާމަށް މެދުވެރިވި ޙާދިޘާއިން ކެތްތެރިވި މިންވަރު ބަޔާންކޮށްދެއްވާ ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ ﴿١٨﴾
މާނައީ: "އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (يعقوب ގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ. (18)"