ނަމާދު ޤަވާއިދުން ނުކުރެވޭ މީހުންނަށް ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަމާދު ޤަވާއިދުން ނުކުރެވޭ މީހުންނަށް ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން!

ކީރިތި ޤުރްއާނަށް ބަލާށެވެ! މުޞްހަފްގެ ކޮންމެ 2 ޞަފްހާއަކުން ނުވަތަ 3 ވަނަ ޞަފްޙާއިން ނަމާދުކުރުމުގެ ވާހަކަ ފެންނާނެއެވެ. އެކަމުން އެނގެނީ ނަމާދުކުރަން ޤުރްއާނުގައި މީސްތަކުންނަށް ހަނދުމަކޮށް ދެއްވަވައި ބާރު އަޅުއްވަވާފައިވާ މިންވަރެވެ. 

ދެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކަށް ބަލާށެވެ! ކުރަން އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯ ޞަޙާބީން ކުރެއްވެވި ސުވާލުފުޅުތަކުގެ ޖަވާބުގައި އެންމެ ގިނައިން ޙަދީޘްފުޅުކުރައްވަވާފައިވާނީ ނަމާދުތައް އެނަމާދެއްގެ ވަޤުތުގައި ކުރުން ކަމަށެވެ. އަނެއްކާވެސް އެނގިގެން މިދަނީ ނަމާދުކުރުމަށް ޙަދީޘްފުޅުތަކުގައި ބާރު އަޅުއްވަވާފައިވާ މިންވަރެވެ. 

އެކަމަކު މިއަދު އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ކުރަން ބޭނުންވާ އެހެން ހުރިހާ ކަންކަން ކުރާނެ ވަޤުތު ލިބެއެވެ. އެކަމަކު ފަރުޟު ނަމާދެއްކޮށްލަން ބޭނުންވާ 10 ވަރަކަށް މިނިޓް ލިބޭކަމަކަށް ނުވެއެވެ. އެކަމަކު ތިމާއާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދުއެޅުންކަންވެސް ރަނގަޅަށް އެނގެއެވެ. 

އަހުރެންގެ ސުވާލަކީ އެހެންކަމަށްވާއިރު ނަމާދަށް ފަރުވާކުޑަކުރަމުން ތިމަންނާއަކީ މުސްލިމެއް ކަމަށް ތިއަ ބުނަނީ ކޮން ގޮތަކުން ހެއްޔެވެ؟ އާނއެކެވެ! ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އަދި ޝަހާދަތުގެ ދެކަލިމަ ކިޔުމުން މުސްލިމަކަށްވެވެއެވެ. ހަމައެފަދައިން ނަމާދުނުކުރާނަމަ ތިމާ ދީނުން އެބަ ބޭރުވެއެވެ. މިކަމަށް އެކަނި ވިސްނާ މީހަކުވެސް ނަމާދުނުކޮށް ނުހުންނާނެއެވެ! ނަމާދުތަކަށް ރައްކައުތެރިވާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން