ކަންކަން ކުރަން ދަތިވެ އުނދަގޫވަނީ އިންސާނުންނަށެވެ! ﷲ ތަޢާލާ ކަމެއް މިންވަރުކުރައްވަވައިފިނަމަ އެކަމެއް އޮންނާނީ އެހިނދުން އެ ހިނދަށްވެ ނިމިފައެވެ. ވީމާ އެއްވެސް ބޭނުމެއް ޙާޞިލުކުރަން ބޭނުންވެގެން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ!
ބައެއް މީހުން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ވެރިން ނުވަތަ ތަނަވަސް މީހުން ރުއްސަން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަންކަން ކުރެއެވެ. އެފަދަ މީހުން ޔަޤީންކުރަން ޖެހޭ ކަމަކީ ވެރިމީހާ ނުވަތަ ތަނަވަސް މީހާ ކިތަންމެ ކޮށްދޭން ބޭނުންވި ނަމަވެސް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާ އެއްވެސް ކަމެއް ޙާޞިލުނުކުރެވޭނެ ކަމެވެ. ވީމާ ކިތަންމެ ބޮޑު ޤުރްބާނީއެއް ވާން ޖެހުނު ނަމަވެސް ހިތްވަރުކޮށްފައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ!
މުފްތީ މެންކް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
ހަނދާން ކުރާށެވެ! ތިއަކަމެއް ނުވާނެ! އަޑުވެސް ނާހަން! ޚިޔާލުވެސް ނުކުރަން! ނުދެނެހުރިން! ނުދެކެން! ތިހެންވެދާނެ ކަމަށް ހީވެސް ނުކުރަން! ފަދަ ބަސްތަކަކީ ހަމައެކަނި އިންސާނުންނަށް ބުނަން ޖެހޭ ބަސްތަކެކެވެ! ﷲ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތައެވެ.
ވީމާ އިންސާނުންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްކުރުމެވެ. ކުރާ މަސައްކަތުގައި ސާބިތުވުމެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށް ވަކީލް ކުރުމާއިއެކުގައެވެ! އެފަދަ މީހާއަށް ހުރަސް އަޅައި ހުޓުވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ!"
- މުފްތީ މެންކް
މުފްތީ މެންކް ބަޔާންކުރައްވާފައިވާ ފަދައިން ވަކީލްކުރުމަށް "ކިތަންމެ ގިނަ ބައަކު ކިތަންމެ ވަރަކަށް ހުރަސްއެޅިޔަސް ކުރިއަށްދިއުން ނުހުއްޓުވޭނެ "ފަންޑިތަ" ކަމަށްވެސް ކިޔައިއުޅެއެވެ.
މުފްތީ މެންކު ވިދާޅުވެފައިވާ މިބަސްފުޅުގެ މާނަ ކަމުގައި ބެލެވެނީ ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވެގެން ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދި، ﷲ ތަޢާލާއަށް ވަކީލުކޮށްގެން ﷲ ތަޢާލާ އަނގަވާފަދައިން އެމީހަކު ބޭނުންވާ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރާނަމަ އެކަމުގެ މަގުތައް ﷲ ތަޢާލާ ފަހިކޮށްދެއްވަވާނެ ކަމާއި އެކަމަށް ހުރަސް އެޅޭނެ އެއްވެސް މީހެއް އަދި ބާރެއްވެސް ނުހުންނާނެކަން ބަޔާންކުރެއްވެވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން