ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުން- ޤިޔާމަތުގެ ބޮޑު ޢަލާމާތެއް! ޤުރްއާނުން ޘާބިތުވާ ޙަޤީޤަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 46ސ
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުން- ޤިޔާމަތުގެ ބޮޑު ޢަލާމާތެއް! ޤުރްއާނުން ޘާބިތުވާ ޙަޤީޤަތެއް!

ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވާނެކަމަށް ޤަބޫލުކުރަން ދެކޮޅު ހަދާބައަކު އެބަ އުޅެއެވެ. އެމީހުންނަކީ އޭލިއަންސް ކަމަށްބުނާ ބައަކުވެސް އުޅެއެވެ. އެމީހުންނަށް ވިސްނެނީ އެފަދަ ބައަކު ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް ފައުޅު ނުކުރައްވަވާނެ ކަމަށެވެ. 

އެމީހުންގެ ވިސްނުމަކީ ނުބައި ވިސްނުމެކެވެ. އެއީ ކީރިތި ޤުރްއާނުގެ އާޔަތްތަކުން އެނގެން އޮތް ޙަޤީޤަތެކެވެ. ކަހްފި ސޫރަތުން އެކަން ޔަޤީންކުރެވޭނެއެވެ. ތިރީގައިވާ ލިޔުމުން ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފައުޅުވުމަކީ ޤިޔާމަތުގެ ބޮޑު ޢަލާމާތެކެވެ. އެއީ އާދަމުގެ ދަރިންތަކެކެވެ. އެބައިމީހުން ވައްތަރުވާނީ މުޣޫލުންނާ (Mongols) އެވެ. ކަހުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޛުލް ޤަރްނައިނުވަނީ ވަރުގަދަ ހުރަހެއް ހަދާ އެބައިމީހުން ބިމުގައި ފަސާދަކުރުން ހުއްޓުވާފައެވެ. 

އެހެނަސް ޤިޔާމަތް ގާތްވުމުން އެ ހުރަސް ފޫއަޅުވާލާފައި އެބައިމީހުން ނުކުންނާނެއެވެ. އަދި ވަރަށް ބާރު ދުވެލީގައި ރާޅެއްހެން ދުނިޔޭގައި ފެތުރިގަންނާނެއެވެ. އަދި ބިމުގައި ފަސާދަކުރާނެއެވެ. ޢަދަދުގެ ގޮތުން އެބައިމީހުން ނުހަނު ގިނަވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ [٩٦] وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا يَا وَيْلَنَا قَدْ كُنَّا فِي غَفْلَةٍ مِّنْ هَـٰذَا بَلْ كُنَّا ظَالِمِينَ  [٩٧] [سورة الأنبياء] 

މާނައީ: ” ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެބައިމީހުން އަތުވެއްޖައުމަށް ދާންދެނެވެ. [96] އަދި ޙައްޤު ތެދު ވަޢުދު (އެބަހީ: ޤިޔާމަތްވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ، އެހާރުން ކާފިރުވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެއެވެ. (އަދި ބުނާނެއެވެ.) އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން ތިމަންމެން ތިބީ މި ކަންތައްތަކާމެދު ޣާފިލުކަމެއްގައެވެ. އަދި ކިއެއް ހެއްޔެވެ! ތިމަންމެންވީ އަނިޔާވެރި ބަޔެއްކަމުގައެވެ. [97]" 

މިބައިމީހުންގެ ކަންފަތްތައް ވަރަށް ބޮޑުވާނެކަމަށް ބައެއް ރިވާޔަތްތަކުގައި ވާރިދުވެފައިވިޔަސް އެކަން ޞައްޙަ ޙަދީޘަކުން ޘާބިތުވެފައި ނުވެއެވެ. މިބައިމީހުން ބަންދުކުރެވިފައި ތިބީ އިރުމަތީ ފަރާތުގެ ރަށެއްގައެވެ. އެއީ ދެ ފަރުބަދައެއްގެ ދެމެދެވެ.  އެތަނުގައިވާ ހުރަސް ޛުލްޤަރްނައިނު ހައްދަވާފައިވަނީ އެ ދެފަރުބަދަ އެއްވަރުކުރެއްވުމަށް ފަހު ދަގަނޑު ދޮންކޮށް، އޭގެ މައްޗަށް ވިރުވާފައިވާ ރަންވަންލޮއި އޮއްސައިގެންނެވެ. މިހުރަސް ހުރި ތަނެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. 

ކޮންމެ ދުވަހަކުވެސް މިބައިމީހުން ދަނީ އެ ހުރަސް ފޫއަޅުވާލުމަށްޓަކައި ކޮންނަމުންނެވެ. ކޮންމެ ދުވަހަކުވެސް ފޫއަޅުވާލަން ކައިރިވެފައިވަނިކޮށް މިބައިމީހުންގެ ބޮޑަށް ހުންނަމީހާ ބުނެއެވެ. "މާދަމާ އެނބުރި އަންނާށެވެ. މާދަމާ ފޫއަޅުވާލެވޭނެއެވެ." 

އަނެއްދުވަހު އަންނައިރު އިހަށްވުރެ ވަރުގަދަކޮށް، ﷲ ތަޢާލާ އެތަން އިޢާދަކުރައްވަވައެވެ. ދެން ފަހެ އެބައިމީހުން ނުކުތުމަށް ﷲ ތަޢާލާ އިރާދަކުރައްވާ ވަޤުތު ގާތްވުމުން، އެބައިމީހުންގެ ބޮޑަށް ހުންނަ މީހާ ބުނެއެވެ. "ފަހުން އެނބުރި އަންނާށެވެ. ﷲގެ އިޛުނަފުޅާ ލައިގެން މާދަމާ ތިޔަބައިމީހުން (މިތަން) ފޫއަޅުވާލެވޭނެއެވެ." 

އެފަދައިން ބުނެފައި ފަހުން އަންނައިރު އެތަން ހުންނާނީ އެބައިމީހުން އެތަނުން ދިޔައިރު އެތަންހުރި މިންވަރަށެވެ. ދެން އެބައިމީހުން އެތަނުން ނުކުންނާނެއެވެ. ނުކުމެ ދުނިޔޭގައި ފަސާދަކޮށް، ކޯރުތައް ހުސްކުރަމުން ދާނެއެވެ. އަދި އެއްވެސް ބަޔަކަށް އެބައިމީހުންނާ ހަނގުރާމަކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާނެއެވެ. 

ފަހެ ޢީސާ عليه السلام އަށް އަމުރުވެވޭނީ ޠޫރު ފަރުބަދައަށް ގޮސް، އެތަނުގައި ރައްކާތެރިކަން ހޯދުމަށެވެ. އެބައިމީހުންގެ ފަސާދަ ބޮޑުވުމުން ޢީސާ عليه السلام ދުޢާކުރައްވާނެއެވެ. އޭގެ ސަބަބުން އެބައިމީހުންގެ ކަރުގައި ފަންޏެއް އަޅާފައި އެބައިމީހުން މަރުވެގެންދާނެއެވެ. އަދި އެއަށްފަހު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ފިތުނަ ނިމިގެންދާނެއެވެ.

މިއީ ފަހު ޒަމާނުގައި ހިނގާނޭ ކަމެކެވެ. މިކަން އަދި ހިނގާފައި ނުވެއެވެ. ޞައްޙަ ޙަދީޘްތަކުން އެނގޭ ގޮތުގައި މިކަން ހިނގާނީ ޢީސާ عليه السلام ފައިބައިވަޑައިގެންނެވުމަށް ފަހުގައެވެ. 

-- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

- މަސްދަރު: ދި ސަލަފިއްޔާ

މިއަދު އޮންލައިން