ބައެއް މަސްމަހު އެއަރ އެމްބިއުލާންސްގެ ސީ ޕްލޭންގައި އެންމެ ދަތުރެއްވެސް ކުރަން ނުޖެހޭ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބައެއް މަސްމަހު އެއަރ އެމްބިއުލާންސްގެ ސީ ޕްލޭންގައި އެންމެ ދަތުރެއްވެސް ކުރަން ނުޖެހޭ: ވަޒީރު

އެއަރ އެމްބިއުލާންސްގެ ސީ ޕްލޭންގައި އެންމެ ދަތުރެއްވެސް ބައެއް މަސްމަހު ކުރަން ނުޖެހޭ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ދައުލަތު ގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ އެމްބިއުލާންސްގެ ސީ ޕްލޭންގައި އެންމެ ދަތުރެއްވެސް ބައެއް މަސްމަހު ކުރަން ނުޖެހޭ ކަމަށާއި މިކަން މިހެން ދިމާވަނީ ޑޭޝް-8ގެ ބޯޓުން، ބޭނުންވާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދެވޭތީ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މޯލްޑިވިއަންގެ އާއްމު ދަތުރުތަކުގައި އެ ސީ ޕްލޭން ބޭނުންކުރުމަށް ހުއްދަ ދޭން ނިންމީވެސް އެއްވެސް ބޭނުމެއް ނުކޮށް އެ އެއަރކްރާފްޓް ބާއްވަންޖެހޭތީ، އެއީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަކަށް ނުވާތީ ކަމަށެވެ.

"ޚިދުމަތުގައި 5 މަސް ވީއިރު، ބައެއް މަސްމަހު އެންމެ ދަތުރެއްވެސް ނުކޮށް އެބައޮތް. އެހެންވީމަ އަޅުގަނޑާ ހެލްތް މިނިސްޓަރު ރައީސްއަށް އެ ޑޭޓާތައް ހުށައެޅުއްވީމަ، ރައީސް ވިދާޅުވީ ޓެކްނިކަލީ ބެލުމަށްފަހު ޚިދުމަތަށް ބުރުލެއް ނާރާގޮތަށް، ސީ ޕްލޭން ކޮމާޝަލް ދަތުރުތަކުގައި ބޭނުންކުރުން މައްސަލައެއް ނެތްކަމަށް." ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، ސީ ޕްލޭން އާއްމު ޚިދުމަތަށް ބަދަލުކުރިނަމަވެސް، ސިއްޙީ ކުއްލި ޙާލަތުގައި ދޭންޖެހޭ ޚިދުމަތަކީ، އެ ދުވަހެއްގެ ޝެޑިއުލުން އެންމެ އިސްކަންދޭންޖެހޭ ޚިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަމުންދާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓާއެކު އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން