ހުޅުމާލޭގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސް އެޅުމުގެ މަސައްކަތް އޮކްޓޫބަރުމަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހުޅުމާލޭގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސް އެޅުމުގެ މަސައްކަތް އޮކްޓޫބަރުމަހު ފަށަނީ

ހުޅުމާލޭގައި ޤާއިމްކުރާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހުގެ މަސައްކަތް އަންނަ އޮކްޓޫބަރުމަހު ފަށާނެކަމަށް އެ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވީ މިއަދު ބޭއްވުނު ކެންޕަސް އެޅުމުގެ މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު މި ރަސްމިއްޔާތުގައި އައިޔޫއެމް ކެމްޕަހުގެ ޢިމާރާތުގެ މަސައްކަތް ފެށުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މަޝްރޫޢުގެ ފައިސާ ހަމަޖެއްސުމަށް ސުކޫކް ވިއްކި ބީއެމްއެލްއާއި، މަސައްކަތުގެ ލީޑް މެނޭޖަރ ވޯޓަރ ކްރެސް ކެޕިޓަލްއާއި، ކޮންޓްރެކްޓަރ އޯކް ޑިވެލޮޕްމެންޓާއި، ކޮންސަލްޓަންޓް ގެޑޯ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްއާއި އަދި ފަންޑު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އައިޔޫއެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ.

ސަނަބިލް މަޝްރޫޢުގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕަހުގެ މަސައްކަތަށް 60 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި ފައިސާ ހޯދާފައިވަނީ އިސްލާމިކް ފައިނޭންސްގެ ސުކޫކް އިސްތިސްނާގެ ދަށުން ސުކޫކް ވިއްކައިގެންނެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރީގައި ހަދާ މި ޢިމާރާތަކީ 8 ފަންގިފިލާގެ ޢިމާރާތެކެވެ.

މިއަދު އޮންލައިން