ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ބައިނަލްއަޤްވާމީ 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ވަރުގަދަ ރެގިއުލޭޓަރީ ބޮޑީއެއްކަމަށްވާ ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުގައިކަމަށެވެ.
"މީހުން ހޯދަން ގެޒެޓްކުރީމަ 36 ފަރާތުން ކުރިމަތިލި. ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިތަކުން ކުރިމަތިލި. މިހާރު ކުރިއަށްދަނީ ޚިދުމަތްދޭނެ ފަރާތްތައް ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް. ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ،" ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭނެ ބަޔަކު ހޯދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިޢުލާންކުރީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އެ މުއްދަތު ހަމަވީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
މި ޚިދުމަތް ފެށުމުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުމެއް ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކުއްލި ޙާލަތްތަކުގައި އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެއެވެ.