ކާބޯތަކެއްޗާއި ބޭހާއި ޢާއްމު ސިއްޙަތާ ގުޅުންހުރި ތަކެތި ތަހުލީލުކުރުމަށް ޚާއްޞަ ލެބޯޓަރީއެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކާބޯތަކެއްޗާއި ބޭހާއި ޢާއްމު ސިއްޙަތާ ގުޅުންހުރި ތަކެތި ތަހުލީލުކުރުމަށް ޚާއްޞަ ލެބޯޓަރީއެއް ޤާއިމުކުރަނީ

ކާބޯތަކެއްޗާއި ބޭހާއި އަދި އެނޫންވެސް ޢާއްމު ސިއްޙަތާ ގުޅުންހުރި ކަންކަމުގެ ތަހުލީލުތައް ހެދޭނެ ޚާއްޞަ ލެބޯޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވިގޮތުގައި މި ލެބޯޓަރީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ. އަދި ލެބޯޓަރީ ޑިޒައިންކުރުމަށް ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވޭނެ ކަމަށާއި، އެކަމަށް ބޭނުންވާ ބިން މިހާރު ވަނީ ލިބިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި ލެބޯޓަރީއަކީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ބޭހާއި އެނޫންވެސް ޢާއްމު ސިއްޙަތާ ގުޅުންހުރި ޓެސްޓުތައް އެންމެ މަތީ ފެންވަރުގައި ހެދޭނެ ތަނަކަށް ވާނެ ކަމަށެވެ. އަދި މި ލެބޯޓަރީ މި ސަރުކާރުގެ ދައުރުގައި ޤާއިމުކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވިފައި ނުވެއެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ އެފަދަ މަސައްކަތްތައް ކުރާނެ ޖާގަ ދެވޭނެ ލެބޯޓަރީއެއް ނެތުމެވެ.

އަލަށް ތަންފީޒުކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، ކާބޯތަކެއްޗާ ގުޅުންހުރި ހުރިހާ ޓެސްޓުތަކަކާއި ތަހުލީލުތައް ކުރެވޭނެ ފުރިހަމަ ލެބޯޓަރީއެއް ޤާއިމުކުރުމަށް ސިއްޙަތާބެހޭ ވުޒާރާގެ މައްޗަށް ލާޒިމުކުރެއެވެ. މި ލެބޯޓަރީން ރާއްޖެއަށް އިމްޕޯޓްކުރާ، ރާއްޖެއިން އެކްސްޕޯޓްކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރެވޭނެ އިންތިޒާމު ޤާއިމުކުރުމަށް ސިއްޙަތާބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކުރެއެވެ.

މިއަދު އޮންލައިން