ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.
މި ފަހުމުނާމާގެ ދަށުން، ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. މިގޮތުން، ވީހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށާއި، މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ.
އުތުރުގައި ފަށާ އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތުގެ ދަށުން، އެމްޕީއެލްއިން ރާއްޖެއަށް ގާތްކުރާ ބޯޓުފަހަރުތަކަށް މަގުދައްކައިދިނުމަށް ޕައިލެޓު ބޯޓުގެ ޚިދުމަތް ދޭނެއެވެ. މީގެ އިތުރުން، ޓަގާއެކު ފެނާއި ކާބޯތަކެތި އަދި ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކާއި ސާމާނު ފޯރުކޮށްދިނުމަށް އެމްޕީއެލްއިން މަސައްކަތްކުރަމުންދާނެކަމަށް ވެސް ވަނީ އެއްބަސްވެފައެވެ.