މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ސުލްޠާން ޢަބްދުއްރަޙްމާން އަލް-މަރްޝަދު އާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިކަމާގުޅިގެން ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ބައްދަލުވުމުގައި، ދިވެހިރާއްޖެއަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިނިސްޓަރ މޫސާ ޒަމީރު އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ޙާޞިލުކުރުމަށްޓަކައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ފުރުޞަތެއް ކަމުގައި ބެލެވެއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ ޢަރަބިއްޔާއަށް ކުރައްވާ މި ދަތުރުފުޅަކީ މިނިސްޓަރ އޮފް ފޮރިން އެފެއަރސް އޮފް ދަ ކިންގްޑަމް އޮފް ސައުދީ ޢަރަބިއްޔާ، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.