ފިރިހެނުން ބޮލުގެ އިސްތަށިގަނޑު އައްސައިގެންނާއި އަތުކުރިއާއި ފައިކުރި އޮޅައިގެން ނަމާދުކުރުމަށް އޮތް ޙުކުމް: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
ފިރިހެނުން ބޮލުގެ އިސްތަށިގަނޑު އައްސައިގެންނާއި އަތުކުރިއާއި ފައިކުރި އޮޅައިގެން ނަމާދުކުރުމަށް އޮތް ޙުކުމް: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةٍ، لاَ أَكُفُّ شَعَرًا وَلاَ ثَوْبًا» [رواه البخاري (816)]

މާނައީ: "ހަތް ގުނަވަނެއްގެ މައްޗަށް ސަޖިދަކުރުން ތިމަންކަލޭގެފާނަށް ވަނީ އަމުރުކުރައްވާފައެވެ. އަދި އިސްތަށިގަނޑު ނުހިފެހެއްޓުމަށާއި (އެބަހީ: އިސްތަށިގަނޑު އައްސައިގެން ނަދާމު ނުކުރުމަށާއި) ހެދުން ނުހިފެހެއްޓުމަށެވެ (އެބަހީ ހެދުން ނުއޮޅުމަށެވެ) ."

މި ޙަދީޘްގައި ބަޔާންވާ ޙަތްގުނަވަކީ ކޮބާތޯ؟

މިޙަދީޘުން ދޭހަވާ ގޮތުގައި ނަމާދުކުރާއިރު ގަމީހުގެ އަތުކުރީ އަދި އިތުރުން ފަޓުލޫނުގެ ފައިކުރި އޮޅައިގެން ނުވާނެއެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ޢަރަބިންގެ ތެރޭގައި ފިރިހެންނުންގެ އިސްތަށިގަނޑު ވަކި ވަރަކަށް ދިގުކުރުމަކީ އާދައެއް. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިފުޅުވެސް ބައެއް ފަހަރު ކަންފަތާއި ހަމައަށް، އަދި ބައެއްފަހަރު ކޮނޑާ ހަމައަށް ދިގުކޮށް ހުންނަކަމަށް އައިސްފައިވެއެވެ.

އިސްތަށިގަނޑު ނުއެއްސުމަށް އަދި ހެދުން ނޯޅުމަށް އަމުރު އައިސްފައިވާ ސަބަބެއްކަމުގައި ޢިލްމުވެރިން ވިދާޅުވަނީ އެއީ އިސްތަށިގަނޑުވެސް އަދި ހެނދުންވެސް ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކާއި އެކީގައި ސަޖިދަ ކުރުމަށްޓަކައެވެ. 

މި ޙަދީޘް ޝަރަޙަކުރައްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ހެދުން އޮޅުމާއި ބޯއެއްސުމުގެ ނަޙީ އައިސްފައިވަނީ ނަމާދަށް ޚާއްސަކޮށް ނަމާދުކުރުމުގެ ކުރިން އެކަން ކުރާނަމައެވެ. ނަމަވެސް ނަމާދުގެ ކުރިންވެސް އޭނާ އެގޮތަށް ހުރި ކަމުގައިވާނަމަ ގަމީހުގެ އަތުކުރި އޮޅައިގެން އަދި ބޯއައްސައިގެން ނަމާދުކުރިނަމަވެސް އެއީ މައްސަލައެއް ނޫނެވެ. މިއީ އައްޝެއިޚް އިބުނު ޢޮޘައިމީން މި މައްސަލައިގައި ދެކެވަޑައިގަންނަވާގޮތެވެ. 

ނަމަވެސް އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަމާދުކުރިން ބޯ އައްސާފައި އަދި ހެދުން އޮޅާފައި ހުރިނަމަވެސް ނަމާދުކުރާއިރު ހުންނަންވާނީ ހެދުން އަދި އިސްތަށިގަނޑު ދޫކޮށްލާފައެވެ.

ނަމަވެސް އަތުކުރި އޮޅައިގެން ނުވަތަ ފައިކުރި އޮޅައިގެން ނަމާދުކުރުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެން ނަމަވެސް މަކްރޫހަ ވާނެއެވެ. މާނައަކީ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު އެމީހަކަށް ނުލިބޭނެއެވެ. 

"އަޅުގަނޑުމެނަށް ވަރަށް ގިނައިން ފެންނާނެ ބައެއް މީހުން އަތްކުރިއާއި ފައިކުރި އޮޅައިގެން ވުޟޫކޮށްގެން އައިސް އެ ހުރިގޮތަށް ނަމާދުކުރާތަން. މިއީ މަކްރޫހަކަމެއް. ނަމާދުގެ ފުރިހަމަ ސަވާބުން އުނިވެދާނެކަމެއް."

މީގާއި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއެއް އެބަ އޮތް ފިރިހެނަކު ފައިކުރި ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓުމަކީ ޙަރާމްކަމެއް." 

لا ينظر الله إلى من جر إزاره بطراً ) البخاري رقم 5788 ، ومسلم رقم 2087

މާނަ:- "ބޮޑާކަމާއެކީ އެމީހެއްގެ އިޒާރު ބިންމަތީގައި ދަމަމުން ހިނގާ މީހާއަށް މާތް ﷲ ޤިޔާމަތް ދުވަހުން ބައްލަވާވޮޑިނުގަންނަވާނެއެވެ". 

އަދި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއެއް، އިސްތަށިގަނޑު އައްސައިގެން ނަމާދުކުރުން ނަހީވެގެންވަނީ ފިރިހެނުންނަށެވެ. ޢިލްމުވެރިން ވިދާޅުވަނީ މިއީ ފިރިހެނުންނަށް ޚާއްޞަ ޙުކުމެއް ކަމަށެވެ. އެއީ އަންހެންނުންގެ އަސްލަކީ ބޯ އެއްސުންކަމަށްވާތީ، އެއީ ޖުނުބުވެރިވެގެން ހިނައިގަންނަ ހިނދުގައިވެސް އަންހެނާ ބޯ އައްސައިގެން ހުންނަ ޙަލު ބޮލަށް 3 ފަހަރު ފެން އަތްގޮށި އޮށްސާލުމުން ފުދޭތީއެވެ.

 

- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

 

މިއަދު އޮންލައިން