ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
أَلَا أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟» قَالَ: قُلْنَا: بَلَى، فَقَالَ: «الشِّرْكُ الْخَفِيُّ، أَنْ يَقُومَ الرَّجُلُ يُصَلِّي، فَيُزَيِّنُ صَلَاتَهُ، لِمَا يَرَى مِنْ نَظَرِ رَجُلٍ» (
މާނައީ: "މަސީޙުއްދައްޖާލުގެ ފިތުނައަށް ވުރެވެސް ތިޔައިބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއްގެ ޚަބަރު ދެއްވަން ހެއްޔެވެ؟" (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ޚަބަރު ދެއްވާށެވެ.)" ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ފޮރުވިފައިވާ ޝިރުކެވެ. ފަހެ އެއީ (ނުވަތަ އޭގެ މިޘާލަކީ) ތިޔަބައިމީހުންކުރެ މީހަކު ނަމާދުކުރުމަށް ތެދުވެފައި މީހަކު ބަލާތީވެ އެނަމާދު ރިވެތިކުރުމެވެ."
މި ޙަދީޘްފުޅުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތައް ވިސްނާ ވަޑައިގަންނަވާ މިންވަރާއި، ނަޞޭޙަތް ދެއްވުމެވެ.
ދެވަނަ ކަމަކަށް ދެއްކުންތެރިކަމަކީ ވަރަށް ބިރުހުރި ކަމެއްކަން އަދި އެކަމުން ރައްކާތެރިވުމަށް އެންގެވުމެވެ. އަދި ޞާލިޙް އަޅުން އެކަމަސް ރައްކާތެރިވާނެކަމެވެ.
ތިންވަނަ ކަމަކަށް ދެއްކުންތެރިކަމުގެ ނުބައިކަމާއި، އިޚްލާޞްތެރިކަމާއެކު އަޅުކަން ކުރުމަށް އެންގެވިއެވެ.
ހަތަރުވަނަ ކަމަކަށް ދައްޖާލުގެ ފިތުނައިގެ ބޮޑުކަމާއި، އިންސާނުން ދައްޖާލުގެ ކިބައިން ރައްކާތެރިވާން ޖެހޭނެކަމެވެ.
ފަސްވަނަ ކަމަކަށް ޝިރުކު ކުރުމުން ވެސް ދުރުހެލިވާންޖެހޭނެކަމެވެ.
ހަވަނަ ކަމަކަށް ކުރެވޭ ރަނގަޅު ޞާލިޙް ޢަމަލުތައް ފޮރުވުން، އޭގެ ސަބަބުން ދެއްކުންތެރިކަމަށް މަގުފަހިވެދާނެކަމަށްޓަކައެވެ.
ހަތްވަނަ ކަމަކަށް ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މި ޙަދީޘްފުޅުގައި ބަޔާން ކުރައްވާފައިވާ ފަދައިން ކުޑަ ޝިރުކަކީ ވެސް ވަރަށް ބިރުހުރި ޢަމަލެކެވެ. އަދި ކުޑަ ޝިރުކާމެދު އެކަލޭގެފާނުގެ އުންމަތަށްޓަކައި ވަރަށް ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވައެވެ.
އެހެންކަމުން ބޮޑު ޝިރުކާމެދު ބިރުފުޅުގެން ވަޑައިގަންނަވާނެ މިންވަރު ކިހާ ބޮޑުވާނެތޯއެވެ.
ﷲ ސުބްހާނަހޫ ވަތަޢަލާ ނިސާ ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩﴾
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ. (59)