ބައެއް މީހުން ކައިވެނިކުރަނީ އަނބިމީހާ ލައްވައި ވަކި މަސައްކަތްތަކެއް ކުރުވުމުގެ ނިޔަތުގައެވެ. ބައެއް އަންހެނުން ކައިވެނިކުރަނީ ފިރިމީހާގެ ކިބައިން ވަކި ކަންތައްތަކެއް ޙާޞިލުކުރުމުގެ ނިޔަތުގައެވެ. މި އިން އެއްވެސް ނިޔަތެއްގައި ކައިވެނިކޮށްފިނަމަ ބައިވެރިޔާގެ ކިބައިން ޙާޞިލުކުރަން ތިބާ ބޭނުންވި އެއްވެސް ކަމެއް ގާތީ ޙާޞިލުނުކުރެވުމެވެ.
ސަބަބުވެސް މިބުނަނީއެވެ. ކައިވެނިކުރަންވާނީ ލޯބިންނެވެ. ލޯބިވާންވީވެސް ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން ބައިވެރިޔާގެ ހިތުގައި ތިބާއަށްޓަކައި ﷲ ތަޢާލާ ލޯބިލައްވަވާނެތެވެ! އިން ޝާ ﷲ. އެއިރުން ވަކިކަމަކަށް ތިބާގެ ނިޔަތް ނެތްނަމަވެސް ބައިވެރިޔާ ތިބާއަށްޓަކައި ތިބާ އެދޭ ކަންކަމާއި އަދި އިތުރަށްވެސް ކަންކަން ކޮށްދޭނެއެވެ.
ކަމުގެ ޙަޤީޤަތް އޮތީ މިގޮތަށް ނަމަވެސް ގިނަ ބައަކު ކައިވެނިކުރަނީ މިޙަޤީޤަތާއި މުޅިން ޚިލާފަށެވެ. އަމިއްލަ ބޭނުންތައް ކުރިއަށް ނެރެގެންނެވެ. ނަތީޖާއެއްގެ ގޮތުން ކައިވެނިން ނެރެން ބޭނުންވާ ނަތީޖާ އޮންނަނީ ނުނެރެވިފައެވެ. ގާތީ ނުވެސް ނެރެވުމާއިއެވެ.
ކައިވެނިކުރަންވީ ދުނިޔަވީ މަޤްޞަދުތަކަށްޓަކައެއް ނޫނެވެ. އާޚިރަތަށްޓަކައެވެ. އާޚިރަތް އެދިގެންނެވެ. ޤިޔާމަތް ދުވަހު ދެމަފިރިން އެކުގައި ސުވަރުގެ ވަނުމުގެ ބޭނުމުގައެވެ. ލިބޭ ދަރިން ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކޮށް އެދަރިންވެސް ގޮވައިގެން ގޮސް ސުވަރުގެ ވަނުމުގެ ބޭނުމުގައެވެ.
މި ބުނި ބޭނުންތަކުގައި ކުރި ހަމަ އެންމެ ކައިވެންޏެއްވެސް ފޭލްވެގެން ގޮސްފައިވާކަން އަހުރެންނަށް އެނގިފައެއް ނުވެއެވެ. ވީމާ ކައިވެނިތައް ރޫޅެމުން މިދަނީ ކައިވެނިކުރަންޖެހޭ ބޭނުމުގައި ކައިވެނި ނުކުރެވޭތީކަން އެއޮތީ ފެންނާށެވެ! ދެދުނިޔޭގައިވެސް އުފާވެރިކަން ބޭނުންވާނަމަ ހަމައެކަނި މިބުނި މަޤްޞަދުތަކަށްޓަކައި ކައިވެނިކުރާށެވެ! އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން