ނަމާދަށް ހުރެ ނަމާދުން ބޭރު ޙަރަކާތްތައް ކުރުން- ފަރުވާތެރިވެ ބިރުވެތިވާންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނަމާދަށް ހުރެ ނަމާދުން ބޭރު ޙަރަކާތްތައް ކުރުން- ފަރުވާތެރިވެ ބިރުވެތިވާންޖެހޭ ކަމެއް!

"ތިއަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިއަބައިމީހުން اﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ! (އަލްބަޤަރާ: 238) 

ކުރާ ނަމާދު ނަމާދަކަށް ވާނީ އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރުމުންނެވެ. ރަސޫލް () ޞަހާބީންނަށް ދަސްފުޅުކޮށް ދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ! ވީމާ ނަމާދުކުރުމުގައި އިތުރު ޙަރަކާތް ކުރުން ފަދަ ކަންކަން ކުރުމާއި ވީހައި ބޮޑަށް ދުރުހެލިވާށެވެ! އެކަމަށް އެދޭ މީހާ އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ތިމާ ހުއްޓި މިހިރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ކަމެވެ. ތިމާ ކުރާ އަމަލުތައް ﷲ ތަޢާލާ ވަގުތުން ބައްލަވައިވޮޑިގަންވަމުން ގެންދަވާ ކަމެވެ. އެކަންކަން ހިތަށް ގެންނަ މީހާއަށް ނަމާދުގައި ޚުޝޫޢަތްތެރިވާން ފަސޭހަވާނެއެވެ. އިން ޝާ ﷲ 

ނަމާދަށް ތިބެ ގައިގެ ތަންތަން ކެހުމާއި ސަޖިދަވަޅު ނޫން ތަންތަނަށް ބެލުމާއި މިފަދަ އިތުރު ޙަރަކާތްތައް ކުރުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ! އެފަދަ ޢަމަލުތަކުން އަންގައިދެނީ އެމީހެއްގެ ހިތުގައި ނަމާދަށް އޮތް ސަމާލުކަން ކުޑަ ކަމެވެ. ނަމާދުކުރި ނަމަވެސް ފޫހިކަންމަތީގައި ހުރެގެން ނަމާދުކުރާ ކަމެވެ.  

ވީމާ ނަމާދަށް ހުރެ ނަމާދުން ބޭރު ޙަރަކާތް ކުރަން  ބިރުވެތިވާށެވެ! އެފަދަ ޙަރަކާތެއް ކުރަންވާނީ ދެން އެހެން ގޮތެއް ނެތިއްޖެ ޙާލަތުގައެވެ. ﷲ ތައާލާ ނަމާދުކުރަން އަންގަވާފައިވަނީ ފަރުވާތެރިކަމާއިއެކު އެކަމަށް ސަމާލުކަން ދީގެންނެވެ. މަޑުމައތިރިކަމާއިއެކުގައެވެ. ކުރާ ނަމާދު ނަމާދަކަށްވާނީ މިފަދަ ހުރިހާ ކަންކަމަށް ސަމާލުކަންދީގެން ނަމާދުކުރުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން