މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެއީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެކެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ zގެ ސުންނަތުން ސާބިތުވާ ގޮތަށެވެ. މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫނެވެ. ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައި ވިއެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުން ހިމެނެއެވެ. އަދި އެއީ اللَّهގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނެތެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. -- މާނައީ: "ހަމަކަށަވަރުން، آخرةއަށް إيمانނުވާމީހުން ملائكةންނަށް، އަންހެނުންގެ ނަމުން ނަން ދޭކަން ކަށަވަރެވެ." މި އާޔަތުން ދޭހަވާ ގޮތުގައި މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުންނެވެ. އެހެން އާޔަތެއްގެ މާނައިގައި ވެއެވެ. "އަދި رحمنވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكةންނަކީ، އަންހެން ބަޔެއްކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكةން ހެއްދެވި އިރު، އެއުރެން حاضرވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަން ހުރެ، ލިޔުއްވާހުށްޓެވެ. އަދި (آخرةދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ."[1]
މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެއެވެ. އެބައިމީހުން اللَّهއަށް ނުއުރެދޭނެތެވެ. اللَّه އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެތެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."
މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައެވެ. ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވެއެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމެވެ. ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެކެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ތިމަންރަސްކަލާނގެ ملائكةންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدمގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليسވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ." އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެކެވެ. އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީއެވެ. ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވިއެވެ.
އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވުނެވެ. އަދި އަބަދަށްޓަކައި އޭނާއަށް ލަޢުނަތް ލެއްވުނެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި آدمގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكةންނަށް وحىކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكةން سجدة ކުރެއްވޫއެވެ. އެކަލޭގެ އެ ކަމުން މަނާވެގަނެ، كبرވެރިވީއެވެ. އަދި كافرންގެ ތެރެއިން އެކަލޭގެ ވިއެވެ."
މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. {خُلِقَتِ الْـمَلَائِكَةُ مِن نُّوْرٍ، وَخُلِقَ الْـجَانُّ مِن مَارِجٍ مِنْ نَارٍ، وَخُلِقَ آدَمُ مِـمَّا وُصِفَ لَكُمْ}[2] މާނައީ: "މާތް اللَّه މަލާއިކަތުން ހެއްދެވީ ނޫރުންނެވެ. އަދި ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުންނެވެ. އަދި އާދަމުގެފާނު ހެއްދެވީ ތިޔަބައިމީހުންނަށް ސިފަކޮށްދެވިފައިވާ ފަދައިންނެވެ." (އެބަހީ: ފެނާއި މަށީންނެވެ.)
މުސްލިމް އަޚުންނޭވެ! މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔެކެވެ. މަލާއިކަތުންގެ ޢަދަދު اللَّه ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكرގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ." ޢަރުޝި އުފުއްލެވުމަށް މަލާއިކަތުން ވެއެވެ. ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައި ވެއެވެ. ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވެއެވެ. اللَّه تَعَالَىއަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވެއެވެ. މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ވެއެވެ. މާތް اللَّه ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضرވެ ملائكةއަކު ނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ." އެހެންކަމުން މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު اللَّه تَعَالَى މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާ ބަޔަކަށެވެ.