ދިވެހިރާއްޖޭގެ އީ-ކޮމާސް ދާއިރާގައި ޕޭޕާލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕޭޕާލްގެ ގްލޯބަލް މާކެޓިންގ ޕްރެޒިޑެންޓާއެކު ވަރަށް މުހިންމު މަޝްވަރާއެއް ކުރެވުނު ކަމަށެވެ. މި މަޝްވަރާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އީ-ކޮމާސްއަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް މި މަޤްޞަދު ހާސިލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމަށެވެ.
ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި ޚިދުމަތް ދިވެހިރާއްޖޭގައި ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމުން، ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.