ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 65 އިންސައްތަ އިތުރުވެފައިވެއެވެ.
މިގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 189,470 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 65 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 114,413 ފަތުރުވެރިންނެވެ.
މިހާރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމެވެ. އެގޮތުން 2022 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 187,118 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 27 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.
ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ އެޤައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.