ގަވާއިދާ ޚިލާފަށް ބިއުޓީ ސެލޫންގެ ވިޔަފާރިކުރި ބިދޭސީންތަކެއް ޑިޕޯޓުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގަވާއިދާ ޚިލާފަށް ބިއުޓީ ސެލޫންގެ ވިޔަފާރިކުރި ބިދޭސީންތަކެއް ޑިޕޯޓުކޮށްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ދެ ބިދޭސީއަކާއި އެ ފަރާތްތަކުގެ މުވައްޒަފުން  ޑިޕޯޓުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން، 2024 އޮގަސްޓު 11 ވަނަ ދުވަހު ހިންގި ޚާއްސަ އިންސްޕެކްޝަނެއްގައި، "ރަޖަނީ ޝްރެސްތާ" ނުވަތަ އާންމު ނަމުންނަމަ "ރިޒް" އަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ފަރާތެއްކަމަށެވެ.

ރިޒް އާއި އޭނާގެ 4 ބިދޭސީ މުވައްޒަފުންގެ ސައްޙަ ވިސާއެއް ނެތުމުގެ ސަބަބުން، އެ ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، 2024 އޮގަސްޓު 13 ވަނަ ދުވަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑިޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން، 2024 އޮގަސްޓު 18 ވަނަ ދުވަހު ހިންގި އިތުރު އިންސްޕެކްޝަނެއްގައި، "ސުޝްމިތާ ދައުގޮދާ" ނުވަތަ އާންމު ނަމުންނަމަ "ސުޒޫ" އަކީވެސް ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން އައި ފަރާތެއްކަން ފާހަގަކުރެވިފައިވާކަމަށާއި އޭނާވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، 2024 އޮގަސްޓު 20 ވަނަ ދުވަހު ފުރުވާލާފައެވެ.

މި ދެ ބިދޭސީންނަކީވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތްތަކެއް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން