ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ނުކުރެވޭނެ: މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ނުކުރެވޭނެ: މިނިސްޓްރީ

ރާއްޖޭގައި އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ނުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ވިދާޅުވިގޮތުގައި، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލާއިރު ޤަވާއިދާ އެއްގޮތަށް މަސްވެރިކަން ކުރޭތޯ ބެލުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެއެވެ. މީގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ ވަކި ބަނދަރުތަކަކުން އެކަނި ފުރައި އެ ބަނދަރުތަކަށް ލެފުމާއި، ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހޯދުން ލާޒިމުކުރުން ހިމެނެއެވެ. އަދި ދޯނިތަކުގައި ކެމެރާ ހަރުކުރުންވެސް ލާޒިމުކުރާނެއެވެ.

މީގެ އިތުރުން، ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގައި ޓްރެކިން ޑިވައިސް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ޑިވައިސް ހަރުކޮށްފައިވާ އެހެން ދޯންޏަކުން އެ ދޯންޏަށް ކައިރިވުމުން އެކަން އިނގޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިގޮތުން ކަނޑުމަތީގައި މަސް ބަދަލުކުރުމުގެ ކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ލޭނު މަސްވެރިކަން ކުރަން ހުއްދަދެނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން 100 މޭލު ބޭރުގައިކަން މިނިސްޓްރީން ވަނީ އިތުރަށް ހާމަކުރައްވާފައެވެ.

ރާއްޖޭގައި މީގެކުރިން 2012 އިން 2019 އަށް ލޭނު މަސްވެރިކަން ކުރިއެވެ. ނަމަވެސް އެއިރު އެ މަސްވެރިކަން ހުއްޓާލާފައިވަނީ ބައެއް ކަންކަން އިސްލާހުކުރުމަށް އީޔޫއިން އެންގުމާއި ގުޅިގެންނެވެ. މިހާރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލަންނިންމާފައެވެ.

މިއަދު އޮންލައިން