މިހާރު މިހިރަ ދަތިތައް އަހަރު ނިމޭއިރަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މިހާރު މިހިރަ ދަތިތައް އަހަރު ނިމޭއިރަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް: ޚާރިޖީ ވަޒީރު

ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ދަތިތައް އަހަރު ނިމޭއިރަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ފަންޑު ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ ޤައުމުތަކަށް ވަޑައިގެންނެވި ކަމަށެވެ. އެ މަސައްކަތުގައި ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި، ފަންޑު ހޯދުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރައްވަމުން ގެންދަވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

"އިތުރަށް ފަންޑިންގެ ކަންކަމުގައި މަސައްކަތްކުރުމަށް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅާއެކު އަޅުގަނޑު ދަތުރުކޮށްފިން. މި ހުރިހާ ކަމެއްގައިވެސް އިރާދަކުރެއްވިއްޔާ ގްރީން ސިގްނަލް ލިބިގެން އޭގެ ފްލޯއަޕް މަސައްކަތް ކުރަމުން އެބަދޭ،" ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމުގެ އުންމީދު ބޮޑުކަމަށްވެސް ވިދާޅުވެފައެވެ. އަދި މިހާރުގެ ފޯކާސްޓުތައް ރަނގަޅުވަމުންދާ ކަމަށާއި، އިޤްތިޞާދީ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރުގެ ފޯކާސްޓުތައް އެބަ ރަނގަޅުވޭ. ގްރޯތު ސަސްޓެއިން ކުރެވޭނެ. މިއާއެކު މިހާރު މިހިރަ ޝޯޓް ޓަރމް ޑިފިކަލްޓީސް އިރާާދަކުރެއްވިއްޔާ އަހަރު ނިމޭއިރަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް. އަޅުގަނޑުމެން މިކުރި މަސައްކަތުގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ލިބޭނެ،" ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން