ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި އިޤުތިޞާދު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ސަރުކާރު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 6ސ
ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި އިޤުތިޞާދު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ސަރުކާރު

ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭސް ޑޮކްޓަރ މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރީންގެ މި ބައްދަލުވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން ގެންނަވާނެ މުހިންމު ބަދަލުތަކާމެދު މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހިމެނޭކަމަށާ ޕެންޝަނާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި އިންކަމް ޓެކްސް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މީރާގެ ތެރެއިން ގެންނަ އިޞްލާހީ ބަދަލުތައް ހިމެނޭކަން ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ސަރުކާރުން މިހާރުން މިހާރަށް ގެންނަވަން ވިސްނަވާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާއިރު ޑޮލަރުން ދައްކާގޮތަށް ހަމަޖެއްސުމާއި ޑޮލަރުން މުސާރަދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަންޖެހޭ ފައިސާގެ ގޮތަށް ހަމަޖެއްސުމާ އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ކަސްޓަމްސް ޑިއުޓީ ދައްކާއިރުވެސް ޑޮލަރުން އެފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭކަން އެޓާނީ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ ތަފްޞީލުތައް ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ލިބިގެންދާނެކަމުގައި އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

މީގެ އިތުރުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވީ "ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން މިކުރެވޭ މަސައްކަތުގައި ރައްޔިތުންނަށް ބުރަނުވާގޮތަށް ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭތޯ. ކުންފުނިތައް ރީފޯމް ކުރާއިރު ރައްޔިތުންނަށް އަސަރު ނުކުރާ ގޮތަކަށް ކަންތައްތައް ކުރަނީ. ހަމައެކަނި ގެއްލުންވާ ކުންފުނިތަކަށް އެކަންޏެއް ނޫން ރީފޯމް ކުރަން މި ވިސްނަނީ. ފައިދާވާ ކުންފުނިތަކަށް ވެސް އިތުރަށް ފައިދާ ހޯދޭނީ ކިހިނެއްތޯ ބަލައިގެން ރީފޯމް ކުރަން އަޅުގަނޑުމެން ނިންމީ" ކަމަށެވެ.

ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާކަންކަމަށް ގެނެވެންހުރި ހައްލުތަކާމެދު މަރުކަޒީ ބޭންކު، އެމް.އެމް.އޭއާ އެކުވެސް މަސައްކަތްތަކެއް ކުރަމުންދާކަން މި ބައްދަލުކުރެއްވުމުގައި ވަޒީރުން ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުން ވަނީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ފުޅާކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި އަދި ކުރިޔަށް އޮތް ތަނުގައި ފެށުމަށް ތައްޔާރުވަމުންދާ އިޤްތިޞާދީ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެހެންމެ އެބޭފުޅުން ވަނީ ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ބޭރުފައިސާގެ ފްލޯއަށް ހީނަރުކަމެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި މިއަހަރު ނިމޭއިރު އިޤްތިޞާދީގޮތުން ހުރި ދަތިތައް ހައްލުވެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވެސް ކުރިއެރުން ހޯދާނެކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން