ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބައެއް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
ބަންޑާރަ ނައިބު އުޝާމް ވިދާޅުވިގޮތުގައި، ކުރިއަށް އޮތް 3 ހަފްތާގެ ތެރޭގައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މި މައްސަލަ ހައްލުކުރުމަށް ކެބިނެޓް ފެންވަރުގައި މަޝްވަރާކުރެވި، ގޮތްތަކެއް މިހާރު ނިންމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ދެ ޤާނޫނަކަށް އިސްލާހު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕެންޝަނާ ބެހޭ ޤާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނެވެ. މީގެ އިތުރުން، މީރާގެ ކަލެކްޝަން ރަނގަޅުކުރުމަށާއި މީރާގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނަމަ އެކަން ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި ބަދަލުތަކުގެ މުހިންމު އެއް ބޭނުމަކީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކަށް، ސަރުކާރަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމުގެ ފުރުސަތު ދިނުންކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
މި އިސްލާހުތަކަކީ ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. ސަރުކާރުން މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް، ޑޮލަރުގެ ދައުރުވުން އިތުރުކުރުމުގެ މަޤްޞަދުގައެވެ.