ބީއެމްއެލްގެ ނިންމުން ބަދަލުކުރުމަށް ލަފާދެއްވީ އެއީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ: އެމްއެމްއޭއިން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބީއެމްއެލްގެ ނިންމުން ބަދަލުކުރުމަށް ލަފާދެއްވީ އެއީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ: އެމްއެމްއޭއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ލިމިޓްކުރަން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ދެއްވާފައިވަނީ އެ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ ކަމަށް އެމްއެމްއޭ އިން މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީއެމްއެލްގެ ކާޑުގެ ޕޭމަންޓް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން އެ ބޭންކު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން ބީއެމްއެލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެމްއެމްއޭ އިން ވިދާޅުވިއެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު 307 މިލިއަނަށް އިތުރުވެފައިވާކަން އެމްއެމްއޭ އިން ފާހަގަކުރައްވައެވެ. މިއަހަރުވެސް އެ އަދަދު އިތުރުކޮށްފައިވާއިރު މީގެ ތެރެއިންވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށެވެ.

ބީއެމްއެލްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި އެމްއެމްއޭ އިން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރާނެ ކަމަށެވެ.

މިއަދު އޮންލައިން