ޑޮލަރުގެ މައްސަލަ ކުރިމަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޑޮލަރުގެ މައްސަލަ ކުރިމަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމުން: ވަޒީރު

ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައިގެ މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުން ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޝަފީޤު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިދިޔަ ނޮވެމްބަރު މަހު، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. މި ހާލަތު މެދުވެރިވުމުގެ މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވީ، ކޯވިޑްގެ ހާލަތަށްފަހު ނިމިދިޔަ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ކޯވިޑްގެ ހާލަތާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރިއެވެ. އަދި ހަމައެހެންމެ، ކޯވިޑަށްފަހު އިޤްތިޞާދު އަލުން އިއާދަވާން ފެށި 2022 އަދި 2023 ވަނަ އަހަރުވެސް ވަނީ ފައިސާ ޗާޕުކޮށްފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝަފީޤު ފާހަގަކުރެއްވި ކަންކަމުން، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، ފައިސާ ޗާޕުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމުގެ މުހިންމުކަން ހިމެނޭކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން