އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ދުނިޔޭގެ މެޕުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާއްމުކޮށް ދަތުރުކުރާ ހިސާބެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެ ނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްދެނީ ދުނިޔޭގެ މަޤްބޫލު މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ ވިޓޯލް ބަންކާސްއާ ގުޅިގެންކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެކި ސަރަހައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ދިން ބައެއް ތާރީޚުތަކަށް ބަދަލުއައުމުގެ ސަބަބުތަކުގެ ތެރޭގައި މޫސުން ތަންނުދިނުން ހިމެނޭކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.