މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ. މިކަން ހިނގާފައިވަނީ އިމިގްރޭޝަނުގެ ޓާސްކު ފޯސްއިން ކުރި ރެއިޑެއްގައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރެއިޑު ކުރީ 2024 އޮގަސްޓު 24 ވަނަ ދުވަހު ހ.ބިއަންކާ (މާލެ) އަށެވެ. މި ރެއިޑު ކުރީ އެތަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
މި ރެއިޑުގައި ފާހަގަކުރެވުނު ގޮތުގައި، އެތަނުގައި އެއްވެސް ސާފުތާހިރުކަމެއް ނެތި ބިދޭސީން ވިޔަފާރިއެއް ކުރަމުން ގެންދިޔައެވެ. އަދި މި ވިޔަފާރި ހުއްޓުވުމަށް ނޯޓިސްއެއް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި ރެއިޑުގައި އިމިގްރޭޝަނުގެ އިތުރުން ކަމާ ގުޅުންހުރި އެހެން އިދާރާތަކުންވެސް ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އިމުގާ ޕޯޓަލްގައި މައްސަލަތައް ރިޕޯޓުކުރެވޭނެއެވެ. އަދި ކާކުކަން ނޭނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓުކުރެވޭނެއެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް މި ނިޒާމުގެ ތެރެއިން ރިޕޯޓުކުރުމަށް އާންމުންނަށް ގޮވާލާފައެވެ.