މާލީ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ޖުމްލަ 1.8 ބިލިޔަން ރުފިޔާގެ 4 ޓީބިލެއް ވިއްކާލާފައިވެއެވެ. މި ޓީބިލްތަކަކީ އެކި މުއްދަތުތަކުގައި އަނބުރާ ދައްކާގޮތަށް ވިއްކާލާފައިވާ ބިލްތަކެކެވެ.
ވިއްކާލާފައިވާ ޓީބިލްތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދައްކާގޮތަށް ވިއްކާލާފައިވާ 1.3 ބިލިޔަން ރުފިޔާގެ ބިލެއް ހިމެނެއެވެ. މީގެ އިތުރުން 98 ދުވަހުން އަނބުރާ ދައްކާގޮތަށް 20 މިލިޔަން ރުފިޔާގެ ބިލަކާއި، 182 ދުވަހުން އަނބުރާ ދައްކާގޮތަށް 231 މިލިޔަން ރުފިޔާގެ ބިލަކާއި، އަދި 364 ދުވަހުން އަނބުރާ ދައްކާގޮތަށް 294 މިލިޔަން ރުފިޔާގެ ބިލެއް ވިއްކާލާފައިވެއެވެ.
މާލީ ވުޒާރާއިން ބުނާ ގޮތުގައި މި ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައެވެ.
ޓީބިލަކީ ދައުލަތުގެ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. މި ބިލްތައް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން އޭގެ ފައިސާ އަނބުރާ ދައުލަތުން އެ ފަރާތަކަށް އަދާކުރާ ގޮތަށެވެ. މިގޮތުން ޓީބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.