ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން، ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު މަދަނީ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަދު ސަޢުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ސަޢުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޞާލިހު ބިން ނާސިރު އަލްޖަސިރާއި އަދި އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު މިހާރު އޮތް މަދަނީ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރުމެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ކަމާބެހޭ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
ވަޒީރު އަމީންގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.