ކާބޯތަކެތީގެ ޚިދުމަތްތަކަށް ލައިސަންސް ދޫކުރުމާއި ރަޖިސްޓަރީކުރުމުގެ މަސައްކަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކާބޯތަކެތީގެ ޚިދުމަތްތަކަށް ލައިސަންސް ދޫކުރުމާއި ރަޖިސްޓަރީކުރުމުގެ މަސައްކަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކުރަނީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ހާމަކުރި ގޮތުގައި ކާބޯތަކެތީގެ ޚިދުމަތްތަކަށް ލައިސަންސް ދޫކުރުމާއި ރަޖިސްޓަރީކުރުމުގެ މަސައްކަތް އެ އޮތޯރިޓީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބަދަލު ގެނެވެނީ މިމަހުގެ 23 ވަނަ ދުވަހު ޢަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި މިހާތަނަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން "ވަންގަވް" މެދުވެރިކޮށް އޮންލައިންކޮށް ދެމުންދިޔަ ޚިދުމަތްތައް އެ ނިޒާމުގެ ތެރެއިން އެމްއެފްޑީއޭއަށް ބަދަލުކުރަމުންދެއެވެ. އެގޮތުން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ދެމުން ގެންދިޔަ ޚިދުމަތްތައް އޮތޯރިޓީގެ ދަށަށް ބަދަލުކުރުމަށްޓަކައި، ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ޚިދުމަތް ވަންގަވް ޕްލެޓްފޯމްގައި މެދުކެނޑޭނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

މި ބަދަލާ ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭ، ހޮޓާ، ރެސްޓޯރަންޓްތައް ރަޖިސްޓަރީކުރުމާއި ހުއްދަ ދިނުމުގެ ކަންކަން ދެން ބަލަހައްޓާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. އަދި ކުރިން އެޗްޕީއޭއިން ނަގާފައިވާ ހުއްދަތައް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެމްއެފްޑީއޭއިން ހޯދަން ހުށަހަޅަންޖެހޭނެއެވެ.

އިތުރަށް އެމްއެފްޑީއޭއިން ފާހަގަކުރި ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ޤާނޫނީ ޙައިސިއްޔަތު ލިބިފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އޮތޯރިޓީ އަލުން އެކުލަވާލައްވާފައެވެ.

މިއަދު އޮންލައިން