ޢިބްރަތްތެރި ވާހަކަ: ލޯބިން އުޅޭ ދެމަފިރިއަކަށް ހަސަދަލައި ދެމީހުން ދުރުކުރުވަން އުޅުނު އަންހެނަކަށް ނޯށުން ރޯންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 58ސ
ޢިބްރަތްތެރި ވާހަކަ: ލޯބިން އުޅޭ ދެމަފިރިއަކަށް ހަސަދަލައި ދެމީހުން ދުރުކުރުވަން އުޅުނު އަންހެނަކަށް ނޯށުން ރޯންޖެހުނު ގޮތުގެ ވާހަކަ-

ލޯބިން ދެމަފިރިއަކު ދިރިއުޅޭނަމަ ކުރަން އޮތްކަމަކީ އެދެމަފިރިންގެ ފިލާވަޅު ލިބިގަނެ ތިމާމެންވެސް އެފަދައިން ލޯބިން ދިރިއުޅެން މަސައްކަތްކުރުމެވެ. ނަމަވެސް ގިނަ ފަހަރަށް މިފެންނަނީ ޙަސަދަލައި އެދެމީހުންގެ ދިރިއުޅުން ހަލާކުރަން އުޅެވޭތަނެވެ. މިއީ ދޫކޮށްލަންޖެހިފައިވާ ނުބައި އާދައެކެވެ. އެންމެ ބޮޑު ސަބަބަކީ އެގޮތަށް ކަންތައް ކުރުމުން ދުނިޔޭގައިވެސް ބާކީވެ ކަރުނައަޅަންޖެހޭ ކަމެވެ.  

އެހެން މީހުން ލޯބިން އުޅޭތީ ޙަސަދަވެރިވާ ކޮންމެ މީހަކަށް މިވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

ޕީ އާއި ޖޭ އަކީ ދެބެއިންނާއި ކައިވެނިކޮށްގެން އުޅޭ ދެފަހަރިންނެވެ. ޖޭގެ ހިތުގައި ޕީގެ މައްޗަށް އަބަދުވެސް އޮންނަނީ ހަމަ ޖެލަސީއެވެ. ހަސަދަވެރިކަމެވެ. އެހެންކަމުން ޖޭ މަސައްކަތްކުރަމުން ދިއައީ ކޮންމެ ގޮތަކުން ނަމަވެސް ޕީގެ ދެމަފިރިން ދުރުކުރުވައި ޕީ ގެއިން ބޭރުކޮށްލުމަށެވެ. 

އެކަމަށް ކުރަމުން ދިއަ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑު ޑީލެއް ހެދިއެވެ. އެއީ ހުރިހާ ގޮތަކުން ވަރަށް ރީތި އަދި ފުދޭވަރަކަށް ކިޔަވައިގެންހުރި ބީ ގެއަށް ގެނައުމެވެ. ބީ އާއިއެކު ވެފައިވާ އެއްބަސްވުމަކީ ކޮންމެ ގޮތަކުން ނަމަވެސް ޕީގެ ދެމަފރިންގެ ދެމެދަށްވަދެ ވަރިކުރުވުމެވެ. އެކަމުގެ އަގަކަށް ކަނޑައަޅާފައިވަނީ  ފައިސާގެ އިނާމެއްގެ އިތުރުން ޅިޔަނު (ޕީގެ ފިރިމީހާ)ގެ ކައިވެންޏެވެ. އެއީ ޖޭއަށް އެކަން އެހައި މުހިންމު ކަމަށްވުމުންނެވެ.  

ބީގާތުގައި ބުނެފައި އޮތީ ޕީއަކީ ވަރަށް ވިޔާނުދާ އަޚްލާޤް ދަށް ކުއްޖެއް ކަމަށާއި ފިރިމީހާ އަށް ލޯބިވެސް ނުދޭކަމަށެވެ. މީހުންގެ ކުރިމަތީގައި ގާތްކޮށް އުޅުނަސް ފިރިމީހާއަށް ދޭންޖެހޭ ލޯތްބާ އަޅާލުން ނުލިބޭތީ ފިރިމީހާ އަށް އަބަދު ވެސް ހުންނަން ޖެހެނީ ހިތާމައާއި ހިތްދަތިކަމުގައި ކަމަށެވެ.  

ޖޭގެ ރައްޓެއްސެއްގެ ގޮތުގައި ބީ ގެއަށް ގެނެވިއްޖެއެވެ. ދުވަސްކޮޅަކު ގޭގައި މަޑުކޮށްލުމަށެވެ. ކަންދިމާވިގޮތުން ބީ ގެއަށް ގެނެވުނުތާ 3 ވަނަ ދުވަހުގެ ރޭ ޖޭ އާއި ބީ ދެއްކި ވާހަކަތަކުގެ އަޑު ޖޭގެ ފިރިމީހާއަށް އިވިއްޖެއެވެ. ބީ ބުނަމުން ދިއައީ ޕީގެ ދެމަފަރިންގެ މެދުގައި ޖޭ ބުނި ފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއްވެސް މައްސަލައެއް ނެތި ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިއަކު ދުރުކުރުވަން މަސައްކަތް ނުކުރާނެ ކަމަށެވެ. ކިތަންމެ ގިނަ އަދަދެއްގެ ފައިސާ ދިން ނަމަވެސް އެއްވެސް ދެމަފިރިއެއްގެ ލޮލުން ކަރުނައަޅަން ޖެހިދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.  

"ނިކަން ބަލާބަލަ އެދެމަފިރިން އެއުޅޭ ލޯބިކަން. ކާންވެސް އެބަލަވާ! ދާން ވެސް ކުރިން އެތެދުވަނީ އަނބިމީހާ! ތެދުވެފަ ނުލާހިކު ލޯބިން އަތުގަ ހިފާލާފަ އެބުނަނީ ތެދުވާށޭ! އެއިރުން ނުތެދުވަން އިންނަ މީހާއަށް ވެސް ތެދުވަން މަޖުބޫރުވާނެނު! ކަލެއަށް ނުވެސް އެނގޭނު ފިރިމީހާއަށް ލޯބިދޭކަށް!" ބީ މިހެން ބުނުމުން ޖޭ ބުނީ ބީ ލައްވައި އެދެމަފިރިން ދުރުކުރެވޭތޯ މަސައްކަތްމިކުރަނީ އެދެމީޙުން އުޅޭލެއް ލޯބިކަމުން ހަސަދަވެރިވާތީ ކަމަށެވެ.   

އެހިސާބުން ޖޭގެ ފިރިމީހާއަށް ކަންކަން ވެގެން މިއުޅޭގޮތް ވިސްނުނެވެ. އަދި ބީގެ ހަރުދަނާކަމާއި ރަނގަޅުކަން ވިސްނުނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އެނގުނު ކަމަށްވެސް ނުހަދައެވެ. ޖޭ މަސައްކަތްކުރަމުން ދިއައީ ކޮންމެގޮތަކުން ނަމަވެސް ޕީގެ ދެމަފިރިން ދުރުކުރުވޭތޯއެވެ. ޖޭގެ ފިރިމީހާ މަސައްކަތްކުރަމުން ދިއައީ ބީ އަތުއަޅުވާލައި ކައިވެނިކުރުމަށެވެ.  

ބީ ގެއަށް ގެނެވުނުތާ 63 ވަނަ ދުވަހުގެ ރޭ އެންމެން އެކުގައި ސިޓިންގ ރޫމްގައި ތިއްބައި ޖޭގެ ފިރިމީހާ ވަރަށް ނަލަހެދިލައިގެން އައިސް ބީގެ ކުރިމަތީގައި ކަކޫޖައްސައި ކުރިމަތިލައިގެން އިށީނެވެ. އަދި ޖީބުން އަނގޮޓިއެއް ނަގައި ބީގެ އިނގިލީގައި އަޅުވާލާފައި ބުންޏެވެ.  

"މިގޭތެރޭގައި ފކުޅެމުން އައި ފިތުނައިގެ ޑްރާމާ މިނިމުނީއެވެ. މިގެއަށް ބީ ގެނެވުނީ އަހަރެންގެ ކޮއްކޮގެ ދެފަރިންނާއި ބެހޭ ގޮތުން ބީއަށް ދޮގު މައުލޫމާތުތަކެއް ދީގެން ކޮއްކޮގެ ދެމަފިރިން ދުރުކުރުވާށެވެ. ބީ މިގެއަށް ގެނެވުނުތާ 3 ވަނަ ރޭ އެކަންވަނީ އަހަރެންނަށް އެނގިފައެވެ. މިހުރިހާ ދުވަހު ޖޭ ކުރަމުން އައި މަސައްކަތް ފޭލްވީއެވެ. އަހަރެންގެ މަސައްކަތް ކާމިޔާބުވީއެވެ. އަހަރެން މިކުރި ކަމަކީ ބީ އާއި ކައިވެނިކުރުމެވެ. މާދަމާ ރަސްމީކޮށް މިކައިވެނިކުރެވޭނެއެވެ.  

ޖޭ ތިއިނީ ވަރިކޮށްފައެވެ. ޖޭ އަވަހަށް މިގެއިން ނުކުންނާށެވެ. އަހަރެން މިކަން މިކުރީ އަހަރެންގެ ކޮއްކޮއަށްޓަކައެވެ. އަހަރެން މިކުރި ކަމަކީ ފިތުނަވެރިކަމާއި ހަސަދަވެރިކަމުން މިގެ ސަލާމަތްކުރުމެވެ. 

ކޮއްކޮމެން ބީ އާއިމެދު ދެކެން ޖެހޭނީ އުޚުތެއް ފަދައިންނެވެ. އޭނާ އާއި ޖޭ ޙަވާލުކުރީ ނުބައި ޓާސްކެއްކަން ވިސްނުމުން މިގެއިން ދާން ބޭނުންވިއެވެ. ހަނދާންވާ ގޮތުން ބީ މިގެއަށް ގެނެވުނުތާ 5 ވަނަ ދުވަހު ބީ މިގެއިންދާން ބޭނުންވިއެވެ. ދިއަ ނުދީ މިހިފެހެއްޓީ އަހަރެންނެވެ." 

ޖޭއަށްވެސް ޕީގެ ދެމަފިރިންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ.  ޖޭ ޖެހިމަޅީގައި ޖޭ ތާށިވެ އަމިއްލަ ކަރުބުރިވީއެވެ. ޕީގެ ދެމަފިރިންނަށް ޖޭގެ ޖެލަސީ އެނގެއެވެ. ނަމަވެސް މިހައި ހިސާބަށް ކަންތައްތައް ދުއްވާލައިގެން އުޅޭކަން ވިސްނަންވެސް ނުއެނގެއެވެ. ޖޭގެ ޖެލަސީން ސަލާމަތްވީތީ ވަރަށް އުފާކޮށް ދެމަފިރިން އެކުގައި ބީގެ ގައިގައި އޮޅުލައި ގަތީމާ ބޭބެ ބުންޏެވެ.  

"ބަލަ މިހާރު މިހާއަވަހަށް ތިއަދިއައީ މާގޯސްކޮށެވެ. ޖޭގެ މަކަރުވެރި ރޭވުމުގެ އިންޓެލިޖެންސް ހޯދައި ޢާއިލާއަށް އަޅަން އުޅުނު ބޮޑު ބޮން ގޮއްވާލުމުގެ ފުރުޞަތު ނުދީ ޢާއިލާގެ ގުޅުން ސަލާމަތް މިކުރީ ބޭބެއެވެ. އެކަމަކު ހުރިހާ ދޮންތަކެއް ބީއަށެވެ!" 

ބޭބެއެހެން ބުނުމުން ޕީގެ ދެމަފިރިންނާއި ޕީ އެކުގައި ގޮސް ބޭބެގެ ގައިގައި އޮޅުލައިގަތް ވަގުތު ޖޭގެ މޫނަށް ޕީ ބަލައިލިއެވެ. ހުރީ ވަރަށް ބޮޑަށް ރޮވިފައެވެ. ކަރުނަ ތިކިތައް ފައިބައެވެ.   

ކުޑަކޮށް ތަފާތު ގޮތަކަށް އަޅުގަނޑު ހުށަހަޅައި މިދިން ކުރު ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުވެއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލުވީއެވެ. ހަސަދަވެރިކަން ހިތުގައި ވަރަށްވުރެ ބޮޑުވެއްޖެނަމަ މިފަދަ ގޮތްތައް ދިމާވާނެއެވެ.  

މިވާހަކަކޮޅު މިކިޔައިދިނީ ޕީ އަމިއްލައަށެވެ! މިކިޔައިދިނީ އަޅުގަނޑުމެން ދެމަފިރިން ދުރުކުރުވަން ޖޭ ކުރި މަސައްކަތްތަކެވެ. އެކަމުގެ ނަތީޖާ ފެނިގެންދިއަ ގޮތެވެ. މިއަދު ބީއަށް ގިނަ ކަންކަން ކޮށްދެނީ ބޭބެއެއްވެސް ނޫނެވެ. އަހަރެމެން ދެމަފިރިންނެވެ. ބޭބެ ގޭގައި ނެތްނަމަ ބޭރަށްވެސް މިދަނީ ބީ ގޮވައިގެންނެވެ. ބީ ދެކެ އެހައި ބޮޑަށް ލޯބިވެއެވެ. ހަމަ މިގޮތަށް އަހަރެމެންނާއިއެކު އުޅުމުގެ ފުރުޞަތު ޖޭއަށްވެސް އޮތެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރި މަގުން އޭނާ އެދިއައީއެވެ!

 

- ޕީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން