މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމުގައިވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާ ތެރޭގައި ފައްޅިއެއް އެޅުމަށް ޔަހޫދީ ދައުލަތުގެ ވަޒީރަކު ގޮވާލި ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްޖިދުލް އަޤްޞާއަކީ 1.8 ބިލިއަން މުސްލިމުންގެ މުޤައްދަސް އަދި ތަރީޚީ ބިނާއެއް ކަމަށެވެ. އަދި އެތަނަކީ ހަމައެކަނި އަޅުކަމަށް ބޭނުން ކުރެވޭ ތަނެއް ނޫން ކަމަށާއި އިސްލާމީ ހަޟާރަތުގެ މުހިންމު ބިނާއެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ އެތަނުގެ ރައްކާތެރިކަމަށް، ފާސްކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށާއި އަދި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ޤާނޫނުތަކަށް ތަބާވުމަށް ޔަހޫދީ ދައުލަތަށް ގޮވާލާފައެވެ. އަދި މިފަދަ ވާހަކަތަކަކީ ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅި، މެދުއިރުމަތީގައި ދީނީ ޚިޔާލުތަފާތުވުންތަކަށް އިތުރަށް ޖާގަދޭނެ ކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ ޤުދުސްގެ ޤާނޫނީ ހައްޤުވެރިކަމަށް ބަދަލެއް އަތުވެދާނެ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް ޤުދުސްގެ މުޤައްދަސް ބިނާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ގޮވާލާފައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މިނިވަންކަން ހޯދުމަށް އެކުގައިކަން ފާހަގަކުރައްވާފައެވެ.