ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދ.ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގައި ބޭނުންކުރާ ކަރަންޓު މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ނިމުމުން ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތައް އެނގޭނެއެވެ. އަދި ގޭބިސީތަކުގައާއި ރަށުގެ ކޮންމެ ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވިނަމަވެސް އެނގޭނެކަމަށް ވިދާޅުވިއެވެ.
"މީގެ އެންމެ މުހިންމު އެއްކަމަކީ އެގޭބިސީއެއްގައި އެދުވަހަކު ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގިގެންދާނެ. މީގެ މާނައަކީ ހަކަތަ އިޤްތިޞާދު ކުރުމަށް އެޅިގެންދިޔަ ފިޔަވަޅެކޭ މިއީ. ކަރަންޓު ލީކެއް އުޅޭނަމަ މީގެ ސަބަބުން އެނގިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ބާރެކެވެ. އަދި މި މަޝްރޫޢު އެއްކޮށް ނިމޭއިރު ކަރަންޓުގެ އަގުހެޔޮވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގޭބިސީތަކުގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކުރުމަށް ކުރިއަށްގެންދެވުނު މި މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ގެނެވުނު އިންޤިލާބީ ކުރިއެރުމެއްކަމަށާއި މިކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.